ރާއްޖެއަށް 130 ކިލޯގެ ޑްރަގް އެތެރެކުރި މައްސަލަ ޝަރީއަތަށް ސާބިތުވެ އެކަމުގައި އެންމެ އިސްކޮށް އުޅުނު ޕީއެންސީގެ ކުރީގެ ކައުންސިލް މެންބަރު، ގއ. ވިލިނގިލީ ލައިޓް ހައުސް، ޝަހީބު އިބްރާހީމާއި ހއ. ހޯރަފުށީ ވައިލެޓް ވިލާ، އަހްމަދު މޫސާ އާއި އެކަމުގައި ބައިވެރިވި އެންމެން އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
އެ ޑްރަގް ގެނައި ކަންނެލި ދޯނި ފުލުހުން ހޯދީ ހުޅުމާލޭ ފަޅު ތެރެއިންނެވެ. ޝަހީބާއި އަހްމަދު މޫސާ ހިމެނޭހެން ހަ މީހަކު ހައްޔަރުކުރީ އޮކްޓޯބަރު، 2020 ގަ އެވެ.
ޝަހީބާއި އަހްމަދު މޫސާގެ އިތުރުން އެ މައްސަލައިގައި ދެން ހުކުމް އިއްވީ ގއ. ވިލިނގިލި، ދުންފިނިގެ، އަސީލް މާހިރު އާއި ޅ. ހިންނަވަރު، ސެލް، އަނަސް ހުސައިން އަދި ބަންގްލަދޭޝްގެ އިގުބާލާއި އެ ގައުމަށް ނިސްބަތްވާ މުހައްމަދު ރިޔާދުގެ މައްޗަށެވެ.
އެ މައްސަލައިގައި 18 އަހަރުން ދަށުގެ ކުއްޖަކަށް ވެސް ދައުވާ އުފުލި ނަމަވެސް، ޖުވެނަލް ކޯޓުން ވަނީ އެ މައްސަލަ ސާބިތުނުވާ ކަމަށް ކަނޑައަޅައިފަ އެވެ.
ޝަހީބާއި އަހުމަދު މޫސާގެ މައްޗަށް އުފުލާފައި ވަނީ މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ދެ ދައުވާއަކާއި މަސްތުވާތަކެތި ރާއްޖެ އެތެރެކުރުމުގެ ދައުވާއެކެވެ.
އެ މައްސަލައިގެ އަޑުއެހުމަށް ކޯޓަށް ހާޒިރުނުވާން ޝަހީބު އުޅުނީ ފިލައިގެންނެވެ. ޝަހީބު ފުލުސް އޮފީހަށް ދިޔައީ އޭނާގެ އަންހެނުން ހައްޔަރުކުރުމުންނެވެ.