ރައީސް މުހައްމަދު މުއިއްޒަކީ އޭޓީއެމް ދޮންބެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެންބަރު އަހްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
އަސްލަމް މިހެން ވިދާޅުވީ ބިލެތްދޫ ރައްޔިތުންނާ ރައީސް މުއިއްޒު ބައްދަލުކުރެއްވުމަށް މިއަދު ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ބިލެތްދޫގައި ވެސް ރައީސް މުއިއްޒު މިއަދު ވަނީ އޭޓީއެމްގެ ހިދުމަތް ފައްޓަވައިދެއްވާފަ އެވެ.
އޭޓީއެމް ހުޅުވުމަށް ރައީސް މުއިއްޒު ރަށްރަށަށް ވަޑައިގަންނަވާތީ ބައެއް ފަރާތްތަކުން އަންނަނީ ފާޑުވިދާޅުވަމުންނެވެ. އެފަދަ ފަރާތްތަކުން ބުނަނީ އޭޓީއެމްތައް ރަށްރަށުގައި ބެހެއްޓުމަކީ މީގެއެތައް އަހަރެއް ކުރިން ފެށިގެން ބޭންކުތަކުން ކުރަމުން އަންނަ ކަމެއް ކަމަށެވެ. މިހާތަނަށް ރައީސް މުއިއްޒު ފިޔަވައި އެއްވެސް ރައީސަކު އޭޓީއެމެއް ހުޅުއްވައިދެއްވާފައެއްނުވެ އެވެ.
އަސްލަމް ވިދާޅުވީ މި ސަރުކާރުން ބިލެތްދޫގައި އޭޓީއެމް ގާއިމުކުރީ ކައުންސިލާއި ރައްޔިތުން ބޭނުންވި ތަނުގައި ކަމަށާއި އެކަމަށްޓަކާ ރައީސް މުއިއްޒަށް ޝުކުރު އަދާކުރާ ކަމަށެވެ.
"ޝުކުރިއްޔާ އޭޓީއެމް ދޮންބެ،" އަސްލަމް ވިދާޅުވި އެވެ.
މި ސަރުކާރުން ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް ގާއިމުކުރާތީ އެކަން އާދައިގެ ކަމަކަށް ބައެއް ފަރާތްތަކުން ހަދާފައިވާ ކަމަށާއި ނަމަވެސް އޭޓީއެމްއާއެކު ލިބިގެންދިޔައީ ވަރަށް ބޮޑު ފަސޭހައެއްކަން ބިލެތްދޫގެ ކޮންމެ ރައްޔިތަކު ވެސް ގަބޫލުކުރާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ. އެގޮތުން މީގެކުރިން ރުފިޔާ ނަގަން ދިގު ދަތުރެއް ކުރަން ޖެހުނު ޖެހުން މިހާރު ނިމުމަކަށް އައިސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސްގެ ދަތުރުފުޅުގައި ފ. އަތޮޅުގައި އޭޓީއެމް ނެތް ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ފައްޓަވައިދެއްވާނެ އެވެ.