އިންޑިއާގެ ގައުމީ އިމްތިހާނުތަކުގެ ނިޒާމުގައި ހުރި މައްސަލަތަކުގެ ސަބަބުން، އެތައް މިލިއަން ދަރިވަރުންނެއްގެ ހައްގުތައް ގެއްލެމުންދާ ކަމަށް ބުނެ، ޒުވާނުން ކުރަމުންދާ އިހުތިޖާޖުތަކުގެ ސަބަބުން ނިއުދިއްލީގެ މަގުތަކާއި މައިދާންތައް ވަނީ ފާއިތުވި އަހަރުތަކުގައި ނުފެންނަ މިންވަރަށް ހަލަބޮލިވެފަ އެވެ.
މި ހަފުތާގެ ކުރީކޮޅު، މައިގަނޑު ގޮތެއްގައި 'ޖެން-ޒީ' ޒުވާނުން އިސްނަގައިގެން، ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ އިންޑިއާގެ ޕާލަމެންޓް އިމާރާތާ ހަމައަށް އެމީހުންގެ ޝަކުވާތައް ގެންދިއުމަށް ކުރި މަސައްކަތަށް ފުލުހުން ވަނީ ކަރުނަގޭހާއެކު އެއްވުމަށް ހުރަސްއަޅައި، މުގުރުން ހަމަލާދީފަ އެވެ.
އިހުތިޖާޖުގެ ބައިވެރިން އެމީހުންގެ މުޒާހަރާތައް ހުއްޓާލުމަށް އިންކާރުކުރަމުންދާއިރު، މިއީ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހިންދޫ-ނޭޝަނަލިސްޓް ސަރުކާރާ ދެކޮޅަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެކެވެ. ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި މޯދީގެ ވެރިކަމުގައި ފާއިތުވި ދިހަ އަހަރު ތެރޭގައި ވަނީ އިދިކޮޅު އަޑުތައް ކަނޑުވާލުމަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅާފަ އެވެ.
މިދިޔަ ހޯމަ ދުވަހު ހިނގައިދިޔަ ހަމަނުޖެހުންތަކުގައި ގާތްގަނޑަކަށް 150 މުޒާހަރާގެ ބައިވެރިންނަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާދީފައިވާ ކަމަށް އިހުތިޖާޖު އިންތިޒާމުކުރި ޕާޓީން ބުނެއެވެ. ސަރުކާރުގެ އަމުރަށް އިންޓަނެޓް ކަނޑާލާފައި އޮތުމަށްފަހު، ފުލުހުން އާންމުންނަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމުވުމާއެކު ގިނަ ބައެއްގެ ނުރުހުން ވަނީ އަމާޒުވެފަ އެވެ. ނަމަވެސް، ދިއްލީ ފުލުހުން ބުނާ ގޮތުގައި ހަމަނުޖެހުންތަކުގައި އެ ފަރާތުގެ 118 އޮފިސަރަކަށް ވަނީ އަނިޔާވެފަ އެވެ.
މުޒާހަރާގެ ބައިވެރިން އަނެއްކާވެސް ވަނީ 'ޖަންތަރު މަންތަރު' ސަރަހައްދަށް އެއްވެ، ފުލުހުން ކުރީ ދުވަހު ރޫޅާލި ކޭމްޕު އަލުން ގާއިމުކޮށްފަ އެވެ. އެތަނަށް އެއްވެ ތިބި ޒުވާނުން ތިބީ އެމީހުންގެ އަޒުމުގައި ސާބިތުވެއެވެ.
މެޑިކަލް ސްކޫލަށް ވަނުމަށް ތައްޔާރުވަމުންދިޔަ ސުދީރު ކުމާރު ބުނި ގޮތުގައި، އޭނާ މުޅި އަހަރު ދުވަހު އިމްތިހާނަށް ތައްޔާރުވި ނަމަވެސް، ފަހުން އެނގުނީ އިމްތިހާނު ކަރުދާސްތައް ލީކުވެފައިވާ ކަމެވެ. "މިތަނުގެ މައިގަނޑު މައްސަލައަކީ ތައުލީމު،" އޭނާ ބުންޏެވެ. އަދި އަނިޔާ ލިބިފައިވާ މުހައްމަދު ތާޖު ބުނި ގޮތުގައި، އެމީހުން ކުރިއަށް ގެންދިޔައީ ސުލްހަވެރި ހިނގާލުމެކެވެ. ނަމަވެސް ކުއްލިއަކަށް ފުލުހުން ކުޑަކުދިންނާއި، އަންހެނުންނާއި، އުމުރުން ދުވަސްވީ މީހުންނަށް ތަފާތުކުރުމެއް ނެތި މުގުރުން ހަމަލާދޭން ފެށީ އެވެ.
މިދިޔަ ހޯމަ ދުވަހުގެ ހިނގާލުމަކީ ފާއިތުވި އަހަރުތަކުގައި މޯދީ ސަރުކާރާ ދެކޮޅަށް ބޭއްވުނު އެންމެ ބޮޑު އެއް ހަރަކާތެވެ. މިއީ ޒުވާނުން އިސްނަގައިގެން އުފައްދާފައިވާ "ކޮކްރޯޗް ޖަންތާ ޕާޓީ" (ސީޖޭޕީ) އިން އިންތިޒާމުކުރި ހަރަކާތެކެވެ. މި ހަރަކާތް ފެށުނީ މަޖާ ކަމެއްގެ ގޮތުގައި ނަމަވެސް، މިއަދު މިއީ އިންޑިއާގެ އެތައް މިލިއަން ޒުވާނުންގެ ކަންބޮޑުވުންތައް އިއްވައިދޭ ސިޔާސީ ބާރަކަށް ވަނީ ވެފަ އެވެ.
އިންޑިއާގެ ތައުލީމީ ނިޒާމުގައި އިމްތިހާނު ކަރުދާސް ލީކުވުމާއި، ފަންނީ މައްސަލަތައް ކުރިމަތިވުމަކީ އާންމު ކަމަކަށް ވެފައިވާއިރު، މީގެ ސަބަބުން ދަރިވަރުންނަށާއި އެމީހުންގެ ތައުލީމަށް ބޮޑު ހޭދައެއް ކުރާ އާއިލާތަކަށް ވަނީ ނަފްސާނީ އަދި މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.
މި މައްސަލައިގައި ބޮޑުވަޒީރު މޯދީ ސީދާ ޖަވާބެއް ދެއްވާފައި ނުވާއިރު، އެމަނިކުފާނުގެ ފަރާތްޕުޅުން ޕާލަމެންޓަރީ އެފެއާޒް މިނިސްޓަރު ވިދާޅުވީ، އިމްތިހާނު ކަރުދާސްތައް ލީކުވިޔަ ނުދިނުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ. ނަމަވެސް، ތައުލީމީ ވަޒީރު ދަރުމެންދުރަ ޕްރަދާން ވަނީ މި ހަރަކާތަކީ "ޓެރަރިސްޓް ގްރޫޕްތަކުގެ ބީ-ޓީމް" އެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ.
އިދިކޮޅު ލީޑަރު ރާހުލް ގަންދީ ވެސް ވަނީ މޯދީގެ އިސްތިއުފާއަށް ގޮވާލައި އިހުތިޖާޖު ކުރައްވާފަ އެވެ. އިހުތިޖާޖުގެ ބައިވެރިން ބުނަނީ ހަމައެކަނި ތައުލީމީ ވަޒީރު ބަދަލުކޮށްލުމަކުން މިހާރު ނުފުދޭނެ ކަމަށާއި، ގައުމަށް ހަގީގީ ބަދަލެއް އަންނާނީ މޯދީގެ ވެރިކަން ނިމުމަކަށް އައުމުން ކަމަށެވެ.
ހަނިމާދޫ ބަނދަރުގައި އޮތް ލޯންޗެއްގައި ރޯވެއްޖެ