ރާއްޖެއިން ބޭރުގެ އެއާލައިންތަކުން ޓިކެޓް ގަތުމަށާއި ބޭރުގެ ހޮޓަލްތަކަށް ފައިސާ ދެއްކުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން 3000 ޑޮލަރު ހަމަޖައްސައިދޭނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މ. މުލީގެ ރައްޔިތުންނާ ބައްދަލުކުރައްވައި މިރޭ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އަންނަ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުން ފެށިގެން ރާއްޖެއިން ބޭރުގެ އެއާލައިންތަކުން ޓިކެޓް ގަތުމަށާއި ރާއްޖެއިން ބޭރަށް ގޮސް ތިބޭ ހޮޓަލްތަކަށް ފައިސާ ދެއްކުމަށް 3000 ޑޮލަރު ހަމަޖައްސައިދިނުމަށް ބީއެމްއެލް އިން ނިންމާފައިވާ ކަމަށެވެ.

މީގެއިތުރުން ޑެބިޓް ކާޑުން ބޭރުގެ ޕީއޯސް ޓާމިނަލްތަކުން ފައިސާ ދެއްކޭ އަދަދު 1،000 ޑޮލަރަށް އިތުރުކޮށްފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ރާއްޖޭގެ ޖުމްހޫރީ ދުވަހާއި ބޭންކްގެ އަހަރީ ދުވަހު، މި އަހަރުގެ އަހަރީ ދުވަހުން ފެށިގެން ނޮވެމްބަރު 11 އިން ފެށިގެން ބީއެމްއެލްގެ ޑެބިޓް ކާޑުތަކުން ރާއްޖެއިން ބޭރުގައި ޕީއޯއެސް ޓާމިނަލްތަކުން ފައިސާ ދެއްކޭ އަދަދު 1،000 ޑޮލަރަށް އިތުރުވެގެންދާނެ. ހަމަ އެ ތާރީހުން ފެށިގެން އެއާލައިންތަކުން ޓިކެޓް ގަތުމަށާއި ރާއްޖެއިން ބޭރުގައި ހޮޓަލަށް ޑެބިޓް ކާޑުން ފައިސާ ދެއްކޭ އަދަދު 3000 ޑޮލަރަށް އިތުރުވެގެންދާނެ،" ރައީސް ވިދާޅުވި އެެވެ.

ހަމަ އެތާރީހުން ފެށިގެން ބޭސްފަރުވާއަށް ހޮސްޕިޓަލަށް ދައްކަންޖެހޭ ފައިސާ ބީއެމްއެލްގައި އެދުމުން ޑެބިޓް ކާޑުން ހޮސްޕިޓަލަށް ފައިސާ ދެއްކޭނެ ގޮތް ވެސް ހަމަޖެހޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެ ނިންމުންތަކުގެ ސަބަބުން ބްލެކް މާކެޓްގައި ޑޮލަރު ގަތުމުގެ "އަޅުވެތި" ކަމުން ރައްޔިތުން ސަލާމަތްވާނެ ކަމަށެވެ.