މިފަހުން ބޭއްވި ހަފްލާއެއްގައި ބޮލީވުޑްގެ ޒުވާން ތަރި ޖާންވީ ކަޕޫރު ބޭނުންކުރި ހެދުމަކަށް އާއްމުންނާއި މީޑިއާގެ ސަމާލުކަން ހުއްޓިއްޖެ އެވެ.
އޭނާގެ ފިލްމު "ހޯމްބައުންޑް"ގެ ޕްރިމިއާ ނައިޓްއަށް ޖާންވީ ބޭނުން ކޮށްފައިވަނީ މީގެ ކުރިން އޭނާގެ މަންމަ ސްރީދޭވީ ބޭނުންކުރި ސާރީ އެކެވެ.
ކަޅު ކުލައާއި ނޫ ކުލައިގެ އެ ސާރީ ބޭނުންކުރި މިނިމަލިސްޓް ގަހަނާއާއެކު އެ ހެދުން އިތުރަށް ފުރިހަމަވި ކަމަށް ގިނަ ބަޔަކު ބުނަމުންދެ އެވެ.
ޖާންވީ އެ ހެދުން ލައިގެން ހުރި ފޮޓޯތައް މީޑިއާއަށް ފެންމަތި ވުމާއެކު ސްރީދޭވީގެ ފޮޓޯތަކާއެކު ކޮލާޖް ކޮށްގެން ސޯޝަލް މީޑިއާގައި އަންނަނީ ދައުރު ކުރަމުންނެވެ.
މިއީ ޖާންވީއާއި އޭނާގެ ކޮއްކޮ ޚުޝީ ކަޕޫރު އެމީހުންގެ މަންމަގެ އަންނައުނު ބޭނުންކުރި ފުރަތަމަ ފަހަރެއް ނޫނެވެ. އެހެން ނަމަވެސް އެ ދެބެއިން އެކަހަލަ ހެދުމެއް ބޭނުންކުރާ ކޮންމެ ފަހަރަކު މީޑިއާގެ ސަމާލުކަން ލިބެ އެވެ.
"ހޯމްބައުންޑް" ސިނަމާތަކުގައި ރިލީޒް ކުރަން ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހު ކަމަށް މީޑިއާތަކުން މައުލޫމާތު ދެ އެވެ.