މާވެލްގެ ކުރިއަށް އޮތް ފިލްމު "ސްޕައިޑަމޭން"ގެ ޝޫޓިންގެ ތެރެއިން އެ ފިލްމުގެ ލީޑު ތަރި ޓޮމް ހޮލޭންޑަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާ ދީފި އެވެ.

މީޑިއާތަކުން ބުނާ ގޮތުގައި މިދިޔަ ހުކުރު ދުވަހު ކުރިއަށް ދިޔަ ޝޫޓިންގެ ތެރެއިން ޓޮމްއަށް އަނިޔާ ވުމުން ޝޫޓިން މެދުކަނޑާލަން ވަނީ ޖެހިފަ އެވެ.

އެގޮތުން އެ އަނިޔާއާއެކު ޝޫޓިން ދެން ފެށޭނެ ދުވަހެއް ނޭނގޭ ކަމަށާއި މިވަގުތު ޓޮމް ހުރީ ޑޮކްޓަރުގެ އިރުޝާދުގެ މަތިން ރެސްޓްގައި ކަމަށް ހަބަރުތައް ބުނެ އެވެ.

މި ހުއްޓުމާއެކު ސްޕައިޑަމޭންގެ ޝެޑިއުލަށް މާ ބޮޑު ބަދަލެއް ނާންނާނެ ކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން މީޑިއާއަށް މައުލޫމާތު ދީފައިވެ އެވެ.

ޓޮމްއަށް އަނިޔާ ވުމާއެކު އޭނާއަށް ސަޕޯޓުކުރާ މީހުން އަންނަނީ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އޭނާގެ ސިއްހަތާމެދު ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

މިއީ ޝޫޓިންގެ ތެރެއިން ޓޮމްއަށް އަނިޔާވި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ވެސް ފިލްމެއްގެ މަންޒަރަކަށްޓަކައި އޭނާގެ ގައިގައި 17 ފަހަރު ކާރަކުން ޖައްސާފައިވެ އެވެ.