އީ-ވޭސްޓް ހެކަތޯންގެ ބޭއްވުމަށް އެމްއެންޔޫއާ އެކު ދިރާގުން ބައިވެރިވެއްޖެ އެވެ.

މި ހެކަތޯންގެ މަގުސަދަކީ ރާއްޖެއަށް ދިމާވެފައިވާ އީ-ވޭސްޓްގެ މައްސަލަ ހައްލުކުރުމަށް ޒުވާނުން ހޭލުންތެރިކުރުވުމެވެ.

މި މަހުގެ 28 އިން އަންނަ އޮކްޓޯބަރުގެ ނިޔަލަށް ކުރިއަށްދާ މި ހެކަތޯންގައި ދަރިވަރުންނާއި، އުފެއްދުންތެރި ޒުވާނުން އަދި ތިމާވެށި ހިމާޔަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތައް އެއްތަނަކަށް ގެނެސް އީ-ވޭސްޓް މަދުކުރެވޭނެ ގޮތްގޮތާމެދު މަޝްވަރާކުރެވޭނެ އެވެ. މި ހެކަތޯން އަމާޒުކުރެވިފައިވަނީ ސާނަވީ ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށާއި، ކޮލެޖް އަދި ޔުނިވާސިޓީ ދަރިވަރުންނަށެވެ.

އީ-ވޭސްޓް އަކީ އުކާލެވޭ ކަރަންޓު ނުވަތަ އިލެކްޓްރޯނިކް އާލާތްތަކަށް ކިޔާ ނަމެކެވެ. މީގެ ތެރޭގައި އުކާލެވޭ ކޮމްޕިއުޓަރާއި، ފޯނު،ޓީވީ، ފްރިޖު، ބެޓެރީ އަދި އެހެނިހެން އިލެކްޓްރޯނިކް ސާމާނުތައް ހިމެނެ އެވެ. އީ-ވޭސްޓްއަކީ މިހާރު ދިމާވެފައިވާ އެންމެ ބޮޑު އަދި އަލަށް ކުރިމަތިވަމުން އަންނަ ތިމާވެށީގެ މައްސަލަތަކުގެ ތެރެއިން އެއް މައްސަލައެވެ. އަދި އީ-ވޭސްޓް ހެކަތޯން ގެ މަގްސަދަކީ މި މައްސަލައަށް ހާއްސަ ސަމާލުކަމެއް ގެނައުމާއެކު، ޒުވާނުން މި މައްސަލައަށް އައު އަދި އަދި އުފެއްދުންތެރި ހައްލުތައް ހޯދުމަށް ބާރުއެޅުމެވެ.

"އިނޮވޭޓިން ފޯ އަ ސާކިއުލަރ އިކޮނޮމީ: ޓެކްލިންގ ދަ އީ-ވޭސްޓް ކްރައިސިސް" ތީމްގެ ދަށުން ކުރިއަށްގެންދާ މި ހެކަތޯންގައި އީ-ވޭސްޓް ބޭނުންކޮށްގެން އެހެން ތަކެތި އުފެއްދޭނެގޮތްގޮތާއި، ދެމެހެއްޓިނިވި ގޮތެއްގައި ކުނި ނައްތާލެވޭނެ ގޮތްގޮތާމެދު މަޝްވަރާކުރުމަށްފަހު ހައްލުތައް ހޯދުމަށް ބައިވެރިންނާ ހަވާލުކުރެވޭނެ އެވެ. އަދި، މި މައްސަލަތަކަށް ހައްލުތައް ހޯދުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމާބެހޭ މާހިރުންނާއެކު ވޯކްޝޮޕްތައް ހިންގައި، އެ ފަރާތްތަކުން އިރުޝާދު ފޯރުކޮށްދޭނެއެވެ. އަދި، މި ހައްލުތައް ޖަޖުންގެ ޕެނަލްއަށް ހުށަހެޅުމުގެ ކުރިން، ކުނި މެނޭޖްކުރާ ތަންތަނާއި ރީސައިކަލް ސެންޓަރުތަކަށް ޒިޔާރަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ހެކަތޯންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް 25 ސެޕްޓެމްބަރ 2025ގެ ކުރިން މި ކަމަށް ހާއްސަކޮށްފައިވާ ފޯމް މެދުވެރިކޮށް ރަޖިސްޓަރީކުރުމުގެ ފުރުސަތު ވަނީ ހުޅުވައިލައިފައެވެ:

ދިރާގުން ދަނީ ޒުވާނުން ބާރުވެރިކޮށް، ޑިޖިޓަލް އިޖާދުތަކާއި ސަސްޓައިނަބިލިޓީ ކުރިއެރުވުމަށް ހިންގާ މި ފަދަ މުހިންމު ޕްރޮގްރާމްތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.