ރޭޕް ކުރުން ބޮޑު ކުށަކަށް ހަދައި، ޖިނާޢީ އިޖުރާޢަތުގެ ޤާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިޞްލާޙު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ތަސްދީޤު ކުރައްވައިފިއެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މި ބިލު ހުށަހަޅުއްވާފައިވާ މައިގަނޑު މަޤްސަދަކީ ޖިނާޢީ އިޖުރާޢަތުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު، އެ ޤާނޫނު ތަންފީޒުކުރުމުގައި ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށާއި، އެ ޤާނޫނުގައި އިތުރަށް ކަނޑައަޅަންޖެހޭ އިޖުރާޢަތްތައް ކަނޑައެޅުއްވުމެވެ.

ޖިނާޢީ އިޖުރާއަތުގެ ގާނޫނަށް ތިންވަނަ އިޞްލާޙު ގެނައުމުގެ ބިލަށް ވަނީ މުހިންމު އިޞްލާޙުތަކެއް ގެނެސް ޤާނޫނުގެ ބައެއް މާއްދާތަކަށް އަކުރުތައް އިތުރުކޮށްފައެވެ. މި އިޞްލާޙުތަކުގެ ތެރޭގައި "ޖިނާޢީ ބޮޑު ކުށެއް" ކަމުގައި ބުނެފައިވާ ކުށްތަކުގެ ތެރެއަށް ރޭޕްކުރުމުގެ ކުށާއި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށްތައް؛ އަދި ޓެކްސް ނެގުމާއިބެހޭ އިދާރީ ޤާނޫނުގައި ކަނޑައަޅާފައިވާ ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ކުށްތަކުގެ ތެރެއިން 500,000 (ފަސް ލައްކަ) ރުފިޔާއިން ފެށިގެން މަތީގެ ފައިސާގެ ޢަދަދު ހިމެނޭ ކުށްތައް ވަނީ އިތުރުކޮށްފައެވެ.

މި ބިލަކީ މި ސެޕްޓެންބަރު މަހުގެ 6 ވީ އާދިއްތަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 33 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ. ޖިނާޢީ އިޖުރާޢަތުގެ ޤާނޫނަށް ތިންވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވުމާއިއެކު، އެ ޤާނޫނު މިއަދު ވަނީ ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ.