ފައިތުވި 24 ގަޑިއިރުގެ ތެރޭގައި ކޮވިޑަށް ޓެސްޓް ކުރި ސާމްޕަލްތަކުން އިތުރު 124 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭ އިން މިރޭ އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މާލެ ސަރަހައްދުން 78 މީހަކު ޕޮޒިޓިވްވިއިރު، 33 މީހަކު ވަނީ އަތޮޅު ތެރެއިން ޕޮޒިޓިވްވެފަ އެވެ. އަދި ރިސޯޓްތަކުން 12 މީހާއި ސަފާރީ އަކުން އެކަކު ވަނީ ޕޮޒިޓިވްވެފަ އެވެ.

މިއަދުގެ 124 ކޭސްއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައި ވަނީ ޖުމްލަ 26,145 މީހުންނަށެވެ. އެކްޓިވް ކޭސްގެ އަދަދު 2،585 ގައި މިހާރު ހުރިއިރު 23,482 މީހުން ވަނީ މިހާތަނަށް މިބަލިން ރަނގަޅުވެފަ އެވެ.

ކޮވިޑްގެ އަދަދުތައް މާލެ ސަރަހައްދުގައި މަދުވަމުން މިދަނީ މާލޭގެ ސާމްޕަލްތައް ޓެކްސްޓު ކުރުން މަދުވުމުންނެވެ. ސަބަބަކީ އަތޮޅު ތެރެއިން ގިނަ އަދަދެއްގެ ސާމްޕަލްތައް ކޮންމެ ދުވަހަކު ވެސް ޓެސްޓް ކުރަން ޖެހިފައިވާތީ އެވެ. މާލެ ފިޔަވައި މިހާރު ކޮވިޑް އެންމެ ބޮޑަށް ފެތުރިފައި ވަނީ ޅ. ފެލިވަރާއި ޅ. ނައިފަރުގެ އިތުރުން ކ. ހުރާގަ އެވެ. އެ ރަށްތަކުން 100 އަށް ވުރެ ގިނަ ކޭސް މިހާތަނަށް ފެނިފައިވެ އެވެ.