މާލޭ މަގުމަތީ އުޅޭ ބުޅާތައް ބަލަހައްޓަން ސަރުކާރުން ހެދި "އޮޅުހިޔާ"ގައި ބައްޔެއް ފެތުރި ބުޅާތައް މަރުވަމުން އެބަދެ އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިންގާ އޮޅުހިޔާގެ ހާލަތު ބެލުމަށް ހަތަރު ޖަމިއްޔާއަކުން އެ ތަނަށް ޒިޔާރަތްކޮށް އެކުލަވާލި ރިޕޯޓްގައިވާގޮތުން ފާއިތުވި 20 ދުވަހުގެ ތެރޭގައި 51 ބުޅާ އެތަނުން ވަނީ މަރުވެފަ އެވެ.

އެތަނުގައި ވާ ބުޅާތަކަށް ފެތުރެނީ އެކި ބަލިތައް ކަމަށް އެ ރިޕޯޓްގައިވެ އެވެ.

މިދިޔަ މަހުގެ 15 ވަނަ ދުވަހާ ހަމައަށް އޮޅުހިޔާގައި 127 ބުޅާ ގެންގުޅުނުއިރު، އިތުރަށް 8 ބުޅާ ގެންގޮސްފައިވާ ކަމަށް އެ ރިޕޯޓްގައިވެ އެވެ. ނަމަވެސް، މި ވަގުތު އޮޅުހިޔާގައި އޮތީ 84 ބުޅަލެވެ. ނަމަވެސް، ތަނުގައި ގެންގުޅޭ ބުޅާތަކުގެ ޖިންސެއް އަދި ޅަ ބުޅަލުގެ އަދަދެއް ވެސް އެނގެން ނެތް ކަމަށް އެ ރިޕޯޓްގައިވެ އެވެ.

ސިއްހަތު ރަނގަޅު ބުޅާތައް ވެސް ވައިރަލް އަދި ފަންގަލް އިންފެންޝަންތައް ހުންނަ ބުޅާތަކާ އެއް ތަނެއްގައި ގެންގުޅޭތީ ބަލި ފެތުރުމުގެ ފުރުސަތު ބޮޑުވެފައިވާ ކަމަށް އެ ރިޕޯޓްގައިވެ އެވެ.

ފިރިހެން ބުޅަލާއި އަންހެން ބުޅާ ބައިތިއްބަނީ ވެސް އެއްތަނެއްގަ އެވެ. މިއީ އެތަނުގައި ބުޅަލުގެ އާބާދީ އިތުރުވުމަށް މަގުފަހިވެދާނެ ކަމެކެވެ.

މިކަމާ ބެހޭގޮތުން ސަރުކާރުން މިހާތަނަށް ވަކިއެއްޗެއް ބުނެފައެއްނުވެ އެވެ.