އިންޑިއާގެ އެންމެ ފުރަތަމަ މެންޓަލް ހެލްތު އެމްބެސަޑަރަކަށް ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ދީޕިކާ ޕަދުކޯން ހަމަޖައްސައި އެކަން އިއުލާން ކޮށްފި އެވެ.

އިންޑިއާގައި ނަފްސާނީ ސިއްހަތުގެ ހޭލުންތެރިކަން އިތުރު ކުރުމުގެ ގޮތުން މެންޓަލް އެމްބެސަޑަރެއް ހަމަޖައްސާފައިވަނީ އެގައުމުގެ މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީ ވެލްފެއާ އިންނެވެ.

މިކަން ދީޕިކާ އިއުލާން ކޮށްފައިވަނީ އޮކްޓޯބަރު މަހުގެ ދިހަވަނަ ދުވަހު ފާހަގަކުރާ ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ މުނާސަބަތުގައި އިންސްޓަގްރާމް މެދުވެރިކޮށް ކުރި ޕޯސްޓެއްގަ އެވެ.

އެ ޕޯސްޓުގައި ދީޕިކާ ބުނެފައިވަނީ ހެލްތު މިނިސްޓްރީގެ ފަރާތުން އޭނާ އެމްބެސަޑަރަކަށް ހަމަޖެއްސުމަކީ ލިބުނު ޝަރަފެއް ކަމަށާއި އެކަމުގެ ޒިންމާތައް ފުރިހަމައަށް އަދާކުރާނެ ކަމަށެވެ.

މެންޓަލް ހެލްތު އެމްބެސަޑަރެއްގެ ގޮތުގައި ނަފްސާނީ ދުޅަހެޔޮކަމުގެ ހޭލުންތެރިކަން އިތުރު ކުރަން މަސައްކަތް ކުރުމަކީ ދީޕިކާގެ ޒިންމާ އެކެވެ.

ދާދި ފަހުން ދީޕިިކާއާއި އޭނާގެ ފިރިމީހާ ރަންވީރު ސިންހް ވަނީ އަބޫދާބީގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި އެ ސިޓީގެ އެމްބެސަޑަރުންގެ ގޮތުގައި ވެސް އައްޔަން ކުރެވިފަ އެވެ.