ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަޝްމިކާ މަންދަނާއާއި އޭނާގެ ބައިވެރިޔާ، ތެލުގޫ އެކްޓަރު ވިޖޭ ދެވަރަކޮންޑާ މިފަހުން އެންގޭޖް ވެއްޖެ އެވެ.
އިންޑިއާގެ ހަބަރުތައް ބުނާ ގޮތުގައި ރަޝްމިކާއާއި ވިޖޭ އެންގޭޖް ވެފައިވަނީ މިދިޔަ ހަފްތާ ތެރޭގައި އިންޑިއާގެ ހައިދަރްއާބާދުގައި ބޭއްވި ކުޑަ ހަފްލާއެއްގަ އެވެ.
އެންގޭޖް ވުމަށްފަހު ވިޖޭގެ ޓީމުން އެކަން ޔަގީން ކޮށްދިން ނަމަވެސް މިފަހަކާ ޖެހެންދެން ރަޝްމިކާ އެކަމާ ބެހޭގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
އެހެން ނަމަވެސް އިއްޔެ ރަޝްމިކާގެ ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި އޭނާ ވަނީ އެންގޭޖްވިކަން ޔަގީން ކޮށްދީ އޭނާގެ އެންގޭޖްމަންޓް އަނގޮޓި ވެސް އާއްމުންނަށް ދައްކާލާފަ އެވެ.
ރަޝްމިކާގެ އެ ޕޯސްޓުގައި އެންގޭޖްމަންޓްގެ ހަބަރު ސީދާ ގޮތެއްގައި ނުބުނި ނަމަވެސް އޭނާގެ އިނގިލީގައި އޮތް އަނގޮޓި ދައްކާފައިވަނީ އެ ހަބަރު އާއްމުކުރަން ކަމަށް ގިނަ ބަޔަކު ބުނެ އެވެ.
ރަޝްމިކާއާއި ވިޖޭ އެންގޭޖް ވެފައިވާއިރު ވިޖޭގެ ޓީމުން ވަނީ އަންނަ އަހަރުގެ ކުރީކޮޅު ރަޝްމިކާއާއި ވިޖޭގެ ކައިވެނި އޮންނާނެ ކަން ވެސް މީޑިއާއަށް ހާމަކޮށްފަ އެވެ.
ރަޝްމިކާއަކީ މި ފަހަކަށް އައިސް ރިލީޒްކުރި ފިލްމުތަކުން އާއްމުންގެ މަގުބޫލުކަން ހޯދާފައިވާ ތަރި އެކެވެ. އޭނާގެ ފިލްމުތަކުގެ ތެރޭގައި "އެނިމަލް" އަދި "ޕުޝްޕާ" ފަދަ ފިލްމުތައް ހިމެނެ އެވެ.