އިދިކޮޅު އެމްޑީޕީން ނޮވެމްބަރު 17، ގައި ބާއްވަން ނިންމާފައިވާ ބޮޑު މުޒާހަރާއަށް މާފުށީ ރައްޔިތުން ފެރީތަކުގައި މާލެ އަރާނެ ކަމަށް ބުނެ އެރަށު ރައްޔިތުން ސަރުކާރަށް އިންޒާރު ދީފި އެވެ.

އޮކްޓޯބަރު 3 ގައި މާލޭގައި ބޭއްވި މުޒާހަރާއިން، މާފުށި ކައުންސިލްގެ ރައީސް ހަސަން ސޮލާހު ހައްޔަރުކޮށްފައި ވާތީ އެ ރަށުގައި އެމްޑީޕީން ރޭ ބޭއްވި ޖަލްސާގައި އާންމުންގެ މީހަކު ބުނީ އޭނާ އޮކްޓޯބަރު 3، ގެ މުޒާހަރާއަށް ވެސް ދިޔަ ކަމަށެވެ.

އޭނާ ބުނި ގޮތުގައި އޮކްޓޯބަރު 3 ގެ މުޒާހަރާގައި ބައިވެރިވީ އެރަށުން އަލަށް ހިއްކި ރަށުގެ ފެނާއި ނަރުދަމާ ނުނިމޭތީ ކަމަށެވެ.

ރައީސް މުހައްމަދު މުއިއްޒު އަށް މާފުށި ނުހުއްޓުވޭނެ ކަމަށާއި، އެމަނިކުފާނަށް މުސާރަ ދެނީ މާފުށިން ދައްކާ ޓެކްސް ފައިސާއިން ކަމަށް ވެސް ސޮލާހު އާއެކު އޮކްޓޯބަރު 3، ގެ މުޒާހަރާގެ ކުރީ ސަފުގައި ހުރި އާދިލް ބުންޏެވެ.

މާފުށީ ރައްޔިތުން ސަރުކާރާއި ދެކޮޅަށް މާލެ އަރާނެ ކަމަށް އެ ރަށުން ބުނެފައިވާއިރު، މުޒާހަރާއިން ހައްޔަރުކުރި ސޮލާހު ހައްޔަރުކުރިފަހުން އިނގިލި ބިންދާލާފައިވާ ކަމަށް އޭނާގެ ލޯޔަރު މުސްތަފާ ހަމީދު ވަނީ ވިދާޅުވެފަ އެވެ. އެކަމުގެ އިތުރު ތަފުސީލެއް ފުލުހުން ނުދެ އެވެ.

މާފުށީގެ އިތުރުން އޮކްޓޯބަރު 3، ގެ މުޒާހަރާއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ހާހެއްހާ މީހުން މާލެ އެރި ކަމަށް އެމްޑީޕީން ބުންޏެވެ. އަންނަ މަހުގެ މުޒާހަރާއަށް އެޔަށްވުރެ ގިނަ މީހުން އަންނާނެ ކަމަށް އެ ޕާޓީން ދަނީ ބުނަމުންވެެ.

އެމްޑީޕީން ދެން މުޒާހަރާކުރަން ރާވާ ނޮވެމްބަރު 17، ވަނަ ދުވަހަކީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ދައުރަށް ދެ އަހަރު ފުރޭ ދުވަހެވެ. އެ ރޭ މުޒާހަރާ ކުރާނީ އޭރަށް ވާއިރަށް އޮކްޓޯބަރު 3، ގައި ކުރި ޑިމާންޑުތައް ސަރުކާރުން ނުފުއްދާ ނަމަ އެވެ.