ބޮލީވުޑްގެ އެންމެ ޝަރަފުވެރި އެއް އެވޯޑު ހަފްލާ ކަމަށްވާ ފިލްމްފެއާ އެވޯޑްސްގެ މި އަހަރުގެ ހަފްލާ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ބާއްވައިފި އެވެ.

އިންޑިއާގެ ސްޓޭޓެއް ކަމަށްވާ ގުޖުރާތުގައި އޮތް އެ ހަފްލާގައި މިދިޔަ އަހަރު ރިލީޒް ކުރެވުނު ފާހަގަ ކޮށްލެވޭ ފިލްމުތަކަށް އެވޯޑު ދީފައިވެ އެވެ.

އެގޮތުން 13 އެވޯޑާއެކު އެންމެ ކުރީގައި އުޅެނީ އާމިރު ޚާންއާއި ކިރަން ރާއޯގެ ފިލްމު "ލާޕަތާ ލޭޑީސް" އެވެ. އެ ފިލްމަށް ލިބުނު އެވޯޑުތަކުގެ ތެރޭގައި ކްރިޓިކްސް ބެސްޓް އެކްޓަރ (އަންހެން)، ބެސްޓް ސަޕޯޓިން އެކްޓަރ (އަންހެން/ ފިރިހެން) އަދި ބެސްޓް ފިލްމް ހިމެނެ އެވެ.

"ލާޕަތާ ލޭޑީސް"އަށް 13 އެވޯޑު ލިބުނުއިރު މިއީ ފިލްމްފެއާގެ ތާރީހުގައި ވެސް އެއް ފިލްމަކަށް އެންމެ ގިނަ އަދަދެއްގެ އެވޯޑް ލިބުނު ދެވަނަ ފަހަރެވެ. މީގެ ކުރިން "ގަލީ ބޯއީ"އަށް ވެސް ވަނީ 13 އެވޯޑު ލިބިފަ އެވެ.

ލާޕަތާ ލޭޑީސްގެ އިތުރުން ފިލްމްފެއާއިން ފާހަގަ ކޮށްލެވުނު ފިލްމުތަކުގެ ތެރޭގައި ކާތިކް އާރްޔަންގެ "ޗަންދޫ ޗެމްޕިއަން"އާއި އާލިއާ ބަޓްގެ "ޖިގްރާ" ވެސް ހިމެނެ އެވެ.

އެ އެވޯޑް ހަފްލާގެ ތެރެއިން ގިނަ ތަރިންތަކެއްގެ ހުށައެޅުންތަކެއް ފެނުނުއިރު ހަފްލާއަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދިނީ ޝާހްރުކް ޚާންއާއި މަނީޝް ޕައުލްގެ މަޖާ ހުށައެޅުމުންނެވެ.