ކާމިޔާބު ފިލްމުތަކެއް ކުޅެދީފައިވާ ބޮލީވުޑްގެ މަޝްހޫރު ވެޓަރަން އެކްޓަރު އަމީތާބް ބައްޗަންގެ އުމުރުން 83 އަހަރު ފުރުން ކުލަގަދަ ގޮތެއްގައި ފާހަގަ ކޮށްފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު އަމީތާބަށް 83 އަހަރު ފުރުނުއިރު އާދައިގެ މަތިން އެ ދުވަހު ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާގެ ގެ "ޖަލްސާ" ކައިރިއަށް އެއްވެފަ އެވެ.

އެއްވެ ތިބި އެތައް ހާސް ބަޔަކަށް ސަލާމް ކުރުމުގެ ގޮތުން އަމީތާބު ވެސް ވަނީ އެހެން އަހަރުތަކެކޭ އެއްގޮތަށް އޭނާގެ ގޭގެ ބެލްކަންޏަށް ނުކުމެ ސަޕޯޓަރުންނާ ބައްދަލު ކޮށްފަ އެވެ.

1970ގެ އަހަރުތަކާއި 80ގެ އަހަރުތަކުގައި ބޮލީވުޑްގެ ކާމިޔާބު ގިނަ ފިލްމުތަކަކުން ފެނިގެންދިޔަ އަމީތާބަކީ މިއަދުވެސް އެ ދާއިރާގައި ފާހަގަކޮށްލެވޭ ގިނަ ބަޔަކު ސަޕޯޓުކުރާ ތަރި އެކެވެ.

އަމީތާބު ފާހަގަ ކުރެވެނީ އުމުރާ އަޅާބަލާއިރު ސިއްހަތު ރަނގަޅު ފަންނާނެއްގެ ގޮތުގަ އެވެ. އެގޮތުން އޭނާގެ އުމުރުން 83 އަހަރު ވީއިރު ފާހަގަ ކޮށްލެވޭ ބޮޑު ބަލިމަޑުކަމެއް ހުންނަކަން މީޑިއާއަށް އެނގިފައެއް ނުވެ އެވެ.

އަމީތާބު އުފަންވެފައިވަނީ 1942 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހު އިންޑިއާގެ އަވަށެއް ކަމަށްވާ ޕްރަޔަގްރާޖްގަ އެވެ. ބޮލީވުޑްގައި ހަރަކާތްތެރިވާތާ ބައި ގަރުނަށްވުރެ ގިނަ ދުވަސް ވެފައިވާއިރު އޭނާއަށް ގިނަ ކާމިޔާބީތަކެއް ވެސް ލިބުނެވެ.

އެކްޓަރު ޖާޔާ ބާދޫރީއާއެކު ކުރި ކައިވެންޏަށް ދެ ދަރިން ލިބިފައިވާއިރު ރޭކާއާއެކު އޮތް ލޯބީގެ ގުޅުމަކީ ވެސް އަމީތާބުގެ ހަޔާތުން ފާހަގަކޮށްލެވޭ ކަމެކެވެ.