ހުޅަނގު މޫސުމުގެ ވިއްސާރާ ގަދަވެ، ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެއްޖެ އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ މިހާރު ކުރަމުންދާ ވިއްސަރައާ ގުޅިގެން ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ، ވައި ގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށެވެ.
އެ އިދާރާއިން ވަނީ އުތުރުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި ވައި ގަދަވާނެތީ ރީނދޫ ސަމާލު ނެރެފަ އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް، ހއ. އަތޮޅުން ފެށިގެން ރ. އަތޮޅަށް ހެނދުނު 9:40 އިން މެންދުރު 1:00 އާ ހަމަޔަށް ރީނދޫ ސަމާލު ނެރެފަ އެވެ.
އެ އިދާރާއިން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބަށް ގުގުރުމާއެކު ވިއްސާރާ ކުރާނެ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށް ވެސް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެ އެވެ.
އެ އިދާރާގެ ރިކޯޑުތަކުން ދައްކާގޮތުން ފާއިތުވި 24 ގަޑިއިރު ތެރޭގައި އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ ކ. ގާފަރަށެވެ. އެގޮތުން ގާފަރަށް 63.1 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ރެކޯޑުތަކުން ދައްކަ އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ މެދު ރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަަކަށް ހުޅަނގާއި، ހުޅަނގު އުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލު ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވާނެ ކަމަށް އެ އިދާރާ އިން ބުނެ އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ދެކުނުގެ ގަދަވާނެ ކަމަށާއި މެދު ރާއްޖެތެރެއާއި އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ. އަދި މިހާރު ކުރަމުންމިދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރާ ކަމަށް ވެސް އެ އިދާރާ އިން ބުނެ އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ އަންގާރަ ދުވަހުން ފެށިގެން މެދު ރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވެ ވައި ވަރަށް ގަދަވާނެ ކަމަށެވެ.
ވައިގަދަވެ، ކަނޑުތައް ގަދަވާނެތީ ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ގަދަވަޔާއެކު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތް ވުމަށާއި، ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުއްވުމަށް އެ އިދާރާއިން އިލްތިމާސްކުރެ އެވެ.