ސޯޝަލް ހައުސިން ސްކީމްތަކުގެ ދަށުން ދޫކޮށްފައި ހުންނަ ފްލެޓްތައް އެހެން ބަޔަކު ދިރިއުޅެން ކުއްޔަށް ނުވަތަ ހިލޭ ވެސް ދީގެން ނުވާނެ ކަމަށާއި އަދި ގާނޫނު ބަދަލުކޮށްގެން ނަމަވެސް އެކަން ހުއްޓުވާނެ ކަމަށް ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.
ހުޅުމާލެއިން އަލަށް ދޫކުރާ 4،000 ހައުސިން ޔުނިޓްގެ ފްލެޓްތައް ކުއްޔަށް ދޭން ބައެއް ފަރާތްތަކުން އިސްތިހާރުކުރުމުގެ މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ.
އެ މައްސަލައާ ގުޅިގެން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު މުއްތަލިބް ވިދާޅުވީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަދި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ފްލެޓް ކުއްޔަށް ދޭ މީހުން ހޯދުމުގެ މަސައްކަތްކުރާ ކަމަށެވެ.
"އެހެން ފަރާތަކަށް އެތަން ދެވިގެން ނުވާނެ ހިލޭ ވެސް ދިރިއުޅޭކަށް. އެއީ އެ އާއިލާއެއްގެ ހާލަތަށް ބަލާފައި ދީފައި ހުރި ތަނެއް. އެ އާއިލާ އެތަނެއްގައި އުޅެން ޖެހޭނީ. އެ އާއިލާ ނޫން އެހެން ބަޔަކު އެތަނެއްގައި އުޅެގެން ނުވާނެ. އެހެންވީމަ އެ އުސޫލުން ބަލާފައި އަޅުގަނޑުމެންނަށް އެއަށް ފިޔަވަޅު އެޅޭނެ ކަމަށް ގަބޫލު ކުރަނީ. އެކަން ކުރުމަށް ގާނޫނަށް ބަދަލު ގެންނަން ޖެހެންޏާ އެ ބަދަލެއް ގެނެސްގެން ވެސް، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކަން ކުރުމަށް މަސައްކަތް ކުރާނީ،" މުއްތަލިބް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްތަކުން ދޫކުރާ ފްލެޓްތަކަކީ މީހުންގެ ދިރިއުޅުމުގެ ހާލަތަށް ބަލައިގެން ދިރިއުޅުމަށްޓަކައި ދޫކޮށްފައިވާ ތަންތަން ކަމަށާއި އެތަންތަން އަގުތަކުގައި ކުއްޔަށް ނުވަތަ ހިލޭ ވެސް އެހެން ބަޔަކަށް ދިނުމަކީ ގަބޫލުކުރާނެ ކަމެއް ނޫން ކަމަށެވެ. އަދި އެކަމަށް ގާނޫނީ އިސްލާހުކޮށްގެން ވެސް ހައްލެއް ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މުއްތޮލިބު ވިދާޅުވީ ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓުތަކަކީ ވެސް އިޖްތިމާއީ ބޯހިޔާވަހިކަމުގެ ތެރެއިން ތަރައްގީކޮށް ދޫކޮށްފައިވާ ފްލެޓްތަކެއް ކަމަށާއި، އެހެން ނަމަވެސް އެތަންތަން ވެސް ލޭބާ ކުއާޓާސްތަކުގެ ގޮތުގައި ދޫކުރުން ފަދަ ކަންކަން ސަމާލުކަމަށް ވެސް އައިސްފައިވާ ކަމަށެވެ. އަދި މިކަމަކީ ސަރުކާރުން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މުއްތޮލިބު މިފަދަ ތަންތަން ކުއްޔަށްދޫކުރާ ފަރާތްތަކަކީ ކޮބައިކަން އެޗްޑީސީ އާއި ފަހި ދިރިއުޅުން ކޯޕަރޭޝަނާ ގުޅިގެން އެ މިނިސްޓްރީން ބަލަމުންދާނެ ކަމަށެވެ. އަދި މިކަމުގައި ގާނޫނީ ގޮތުން ހުރި ކަންކަން ވެސް ބަލަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.