އިންޓަގްރޭޓަޑް ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ސ. ހަންކެޑެ ހަދަން ޓޫރިޒަމް މިނިސްޓްރީން ހުޅުވާލައިފި އެވެ.
އެ މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ވަނީ ޓޫރިޒަމް ކަންކަމަށް ރަށްރަށާއި، ބިންބިމާއި، ފަޅު ކުއްޔަށް ދޫކުރުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމާބެހޭ ގަވާއިދުގެ ދަށުން އައްޑޫ ހަންކެޑެ ތަރައްގީ ކުރުމަށް ހަމަޖެހިފައި ވަނީ އިންޓަގްރޭޓަޑް ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ކަމަށެވެ. އެގޮތުން އެތަނުގައި މަދުވެގެން 1،000 އެނދުގެ ރިސޯޓެއް ތަރައްގީ ކުރަން ޖެހެ އެވެ.
ހަންކެޑެގައި އިންޓަގްރޭޓަޑް ޓޫރިސްޓް ރިސޯޓް ތަރައްގީކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ޓޫރިޒަމް މިނިސްޓްރީއަށް އީމެއިލް މެދުވެރިކޮށް އިތުރު މައުލޫމާތު ސާފު ކުރުމަށް އެދެ އެވެ.
ކުރީ ސަރުކާރުން މޯލްޑިވްސް ފަންޑު މެނޭޖްމަންޓް ކޯޕަރޭޝަނުން ހަދަން ނިންމި ރިސޯޓުގެ ކޮންސެޕްޓް ހަލާލް ޓޫރިޒަމް ކޮންސެޕްޓަށް މި ސަރުކާރުން ބަދަލުކުރުމުން މަޖިލީހުގެ ޕީއެންސީގެ ބައެއް މެމްބަރުން ވަނީ އެ ކޮންސެޕްޓަށް ކުރިއަށް ގެންދިއުމާ ދެކޮޅު ހަދައިފަ އެވެ. މިގޮތުން އިންޖިނިއަރިން، ޕްރޮކިއުމަންޓް އެންޑް ކޮންޓްރެކްޓް (އީޕީސީ) އުސޫލުން ހަންކެޑެ ތަރައްގީކުރަން ހަވާލުކުރީ ޗައިނާގެ ޗައިނާ ނެޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކޯޕަރޭޝަން (ސީއެންއީއީސީ) އާ އެވެ. އަދި އެތަނުގައި ރިސޯޓެއް ހަދަން ޗައިނާގެ އެ ކޮންޓްރެކްޓަރަށް ދައްކަންޖެހޭ އެޑްވާންސް ފައިސާއިން ބައެއް ދައްކާފައިވެ އެވެ.
ހަންކެނޑެ މަޝްރޫއަށް ބޭނުންވާ ލޯނުގެ ކަންކަން މަޑުޖެހިފައި އޮތީ ދިވެހި ސަރުކާރުން, ޗައިނާގެ އެކި ބޭންކުތަކަށް ދައްކަންޖެހޭ ދަރަނި ފަސްކޮށްދިނުމަށް އެދުމާ ގުޅިގެންކަމަށާއި، އެ އިޖުރާއަތުތައް ހިނގަމުން ދަނިކޮށް އާލޯނެއް ދިނުން ޗައިނާގެ ގާނޫނުތަކާއި ގަވާއިދުތައް ތަން ނުދޭ ކަމަށް ބުނެ އެވެ.
ނަމަވެސް ކައުންސިލް އިންތިހާބު ބޯމަތިވަމުން އަންނަނިކޮށް ހަންކެޑެގައި ފަތުރުވެރިކަމުގެ އާ މަޝްރޫއެއް ހިންގެވުމަށް ރައީސް މުޙައްމަދު މުއިއްޒު ނިންމެވީ މި މަހުގެ ފުރަތަމަ ދުވަހު އެވެ. އެގޮތުން، ހަންކެޑެ ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްގީކުރުމުގެ މަސައްކަތް އަވަސްކުރުމުގެ މަގުސަދުގައި، ސަރުކާރުގެ ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ހިންގާ ސަރަޙައްދެއްގެ ގޮތުގައި ކަނޑައަޅައި، ހަންކެޑެ، މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނަށް ކުއްޔަށް ދިނުމަށް 2 ޑިސެންބަރު 2021 ގައި އެކަށައެޅުއްވި ރައީސުލްޖުމްހޫރިއްޔާގެ ގަރާރު، ވަނީ އުވައިލައިފަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުމާއެކު ޓޫރިޒަމް އާ މަޝްރޫއެއް ހިންގުމަށް މިނިސްޓްރީއާ ވަނީ ހަވާލުކޮށްފަ އެވެ.
މީގެ އިތުރުން ކުރިން ހުއިފިލަނޑާ އަލާކޮށް ދިރުވުމުގެ ބޭނުމުގައި ދޫކޮށްފައި އޮތް ށ. ނަލަންދޫގައި ރިސޯޓު ތަރައްގީ ކުރުމަށް ވެސް ޓޫރިޒަމް މިނިސްޓްރީން ހުޅުވާލާފައި ވަނީ ޓޫރިޒަމް ތަރައްގީ ކުރުމަށް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ކަނޑައަޅުއްވާފައިވާ ރަށްރަށުގެ ތެރެއިންނެވެ. އެގޮތުން ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 12 ވަނަ ދުވަހުގެ ހެނދުނު 10:00 އާ ހަމައަށް ވަނީ ހުޅުވާލާފަ އެވެ.
މި މަޝްރޫއުގެ ބީލަން ފޮތް އަންނަ އަންގާރަ ދުވަހުން ފެށިގެން އަންނަ މަހުގެ 10 ވަނަ ދުވަހާ ހަމައަށް ޓޫރިޒަމް މިނިސްޓްރީގެ ރިސެޕްޝަނުން ލިބެން ހުންނާނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.