އިންޑިއާގެ ވެރިރަށް ދިއްލީގެ ހައިކޯޓުން ބޮލީވުޑްގެ މަޝްހޫރު ތަރި ރިތިކް ރޯޝަންގެ ޒާތީ ހައްގުތައް ހިމާޔަތް ކުރުމުގެ އަމުރެއް ނެރެފި އެވެ.

ދިއްލީގެ ހައިކޯޓުން މި އަމުރު ނެރެފައިވަނީ ރިތިކްގެ ނަމާއި ފޮޓޯއާއި އަޑާއި އެހެނިހެން ޝަހުސީ ސިފަތައް ހުއްދަނެތި ބޭނުން ކުރުން މަނާކުރުމުގެ އަމުރަކަށް އެދި އޭނާ ހުށައެޅި ހުށައެޅުމަށެވެ.

މިއާއެކު އާޓިފިޝަލް އިންޓެލިޖެންސް ނުވަތަ އެ ނޫންވެސް ޓެކްނޮލޮޖީގެ އެއްވެސް ވަސީލަތެއް ބޭނުންކޮށްގެން ރިތިކްގެ ފޮޓޯއާއި ވީޑިއޯ ހަދައި އާއްމު ކުރުމަކީ ކުށެކެވެ.

ރިތިކް މި ފިޔަވަޅު އަޅާފައިވަނީ ބޮލީވުޑްގެ ބައެއް މަޝްހޫރު ތަރިންގެ ފޮޓޯއާއި އަޑު ބޭނުން ކޮށްގެން ސޯޝަލް މީޑިއާގައި ނޭދެވޭ ކެމްޕެއިންތައް ހިންގަމުން އަންނަ ދަނޑިވަޅެއްގަ އެވެ.

ރިތިކްގެ އިތުރުން ޝަހުސީ އަދި ޒާތީ ހައްގުތަކަށް ގާނޫނީ ހިމާޔަތް ހޯދާފައިވާ ބޮލީވުޑް ތަރިންގެ ތެރޭގައި އައިޝްވާރްޔާ ރާއީއާއި އަބީޝޭކް ބައްޗަން ފަދަ ތަރިން ހިމެނެ އެވެ.

ރިތިކްގެ ފިލްމީ މަސައްކަތްތަކަށް ބަލާލާއިރު އޭނާ އެންމެ ފަހުން ފެނިގެންދިޔައީ މިދިޔަ އޮގަސްޓް މަހު ރިލީޒްކުރި ފިލްމު "ވާ 2" އިންނެވެ.