އެތައް ބަޔަކަށް ލަނޑުދީ މިލިއަނުން ވައްކަންކުރި މއ. ހަނީސާކަލް، ހުސައިން ޝިފާއު ފަސޭހައިން ސަލާމަތްވާނެހެން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އޭނައާ އެކު އިއުތިރާފުގެ އެއްބަސްވުމެއް ހެދިކަން ހާމަވެއްޖެ އެވެ.
ޝިފާއު އަކީ ސައްހަ ނޫން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރަމުން ދިޔަ މީހެކެވެ. އޭނާގެ މައްޗަށް 23 ދައުވާއެއް އުފުލާފައިވެ އެވެ. އެ މައްސަލަތަކުގައި ގެއްލުން ލިބުނު މީހުންނަށް ލިބެންޖެހޭ 123،844.54 ޑޮލަރު (1.9 މިލިއަން ރުފިޔާ) ހިމެނެ އެވެ.
ޝަރީއަތް ނިމި ހުލާސާ ބަޔާނާ ހިސާބުގައި އޮއްވައި ހެދި އެ އިއުތުރާފުގެ އެއްބަސްވުން ބަލައި ނުގަންނަން ކްރިމިނަލް ކޯޓުގެ ގާޒީ އަލީ ނަދީމް އިއްޔެ ވަނީ ނިންމަވާފަ އެވެ.
ކޯޓަށް ހުށަހެޅި އިއުތިރާފު އެއްބަސްވުމުގައިވާ ގޮތުން ޝިފާއުގެ މައްޗަށް އުފުލި 23 ދައުވާގެ ތެރެއިން ހަތް ދައުވާއެއް ފިޔަވައި އެހެން ހުރިހާ ދައުވާއެއް ގެންދަން ވަނީ ނިންމާފަ އެވެ. އެއީ މަނީ ލޯންޑަރިންގެ ހުރިހާ ދައުވާއަކާއި އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ހުރިހާ ދައުވާއެކެވެ. ކުރިއަށް ގެންގޮސް ސާބިތުކުރުމަށް އެއްބަސްވެފައި އޮތީ އަދަބު ކުޑަކޮށް ހުރި، މަކަރާއި ހީލަތްހެދުމުގެ ހަތް ދައުވާއެކެވެ.
އެ ދައުވާތަކާ ގުޅިގެން ޝިފާއުއަށް އަންނާނީ 88 ދުވަހަށް ޖަލަށްލުމާ އެކު 184،600ރ. އިން ޖޫރިމަނާކުރުމުގެ އަދަބެއް ކަމަށް އިއުތިރާފުގެ އެއްބަސްވުމުގައިވެ އެވެ.
އެހެންކަމުން މިއީ ފަސޭހައިން އޭނާ މިނިވަންވާގޮތަށް ހެދި އެއްބަސްވުމެއްކަން ސާފެވެ.
މިއީ މި މައްސަލައިގައި ހިމެނޭ ކުށްތަކާއި ތަހުގީގު ރިޕޯޓުގައި ފުލުހުން ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު، މައްސަލައިގެ ވަށައިގެންވާ ހުރިހާ ކަމަކަށް ރިއާޔަތްކޮށްގެން ހަދާފައިވާ އެއްބަސްވުމެއް ނޫން ކަމަށެވެ.
އިއުތިރާފުގެ އެއްބަސްވުން ބަލައި ނުގަންނަން ނިންމިކަން ހާމަކުރައްވައި ގާޒީ ނަދީމް ވިދާޅުވީ ޝިފާއުގެ ފަރާތުން ގެއްލުންވި މީހުންނަށް އެ ގެއްލުންތަކުގެ ބަދަލު ލިބޭނެ ކަމުގެ ޔަގީން ކަމެއް ނުވަތަ ގެރެންޓީއެއް ވެސް އެއްބަސްވުމުގައި ނެތް ކަމަށެވެ.
އެހެންކަމުން މިހާރުވެސް ކުރިއަށްދާގޮތަށް ޝަރީއަތް ކުރިއަށްގެންގޮސް ނިންމާނެކަން ގާޒީ އިއުލާންކުރެއްވި އެވެ.