ކެއުމަށްފަހު ވަގުތުން ހިނގުމަކީ ބައެއް މީހުންނަށް އުނގަދޫކަމެއް. ޚާއްސަކޮށް ބަނޑުގައި ވައި ހެދި ބަނޑުގެ އެކި އުނދަގޫ ވާނަމަ. އެހެން ނަމަވެސް، ސިއްހީ މާހިރުން ލަފާދޭ ގޮތުގައި ކައި ނިމިގެން 5 ވަރަކަށް މިނިޓު ފަހުން ހިނގާލުމަކީ އެ ވަގުތު ހަޖަމްކުރުމުގެ މަސައްކަތް ހިނގާ ވަގުތުގައި ލޭގެ ހަކުރު ކޮންޓްރޯލް ކޮންދޭނެ ކަމެއް. 15 ވަރަކަށް މިނެޓަށް ހިނގާލުމުން ވެސް ފައިދާ ކުރޭ. 30 މިނެޓަށް ހިނގާލެވޭ ނަމަ ވަރަށް ބޮޑަށް ފައިދާ ކުރޭ. ހިނގުމަށް ފަސޭހަ ބޫޓެއް ހުރުމަކީ އެ ކަސްރަތުގައި ދެމިހުރުމަށް ވަރަށް މުހިންމު ކަމެއް. ތަފާތު މަގުތަކުން ހިނގުމާއި، އާދަކޮށް އެކަން ކުރުމާއި، ގިނައިން ދިޔާ ތަކެތި ބޭނުންކުރުމަކީ ދުޅަހެޔޮކަން އިތުރުކޮށްދޭ ކަމެއް.

ކެއުމަށްފަހު ހިނގާލުމަކީ ދުޅަހެޔޮކޮށް ހުރުމަށް ކުރެވޭނެ އެންމެ މުހިންމު ކަސްރަތެވެ. ހިނގުމަކީ އެންމެ ފަސޭހައިން ކުރެވޭނެ ކަސްރަތު ކަމަށް ވާއިރު ވެސް އެކަމަށް މާބޮޑު އަޅާލުމެއް ދެވިފައެއް ނުވެ އެވެ. މިސާލަކަށް ހިނގުމަށް ޚާއްސަ ހެދުމެއް، ޚާއްސަ މެޝިނެއް ބޭނުމެއް ނުވެ އެވެ. ބޭނުންވާ ހަމައެކަނި އެއްޗަކީ ފަސޭހަ ބޫޓެކެވެ. އަދި ހިނގަން ބޭނުންވުމުގެ ވިސްނުމެވެ. އެ އަޒުމެވެ.

ހިނގުމަކީ މުހިންމު ކަމެއްކަން އެންމެނަށް ވެސް އެނގެ އެވެ. ނަމަވެސް ހިނގަން ދާން އެންމެ ރަނގަޅު ވަގުތާ ދޭތެރޭ ގިނަ މީހުން އޮޅުންއަރަ އެވެ. އެއްބަޔަކު ބުނާގޮތުގައި ހިނގަން އެންމެ ރަނގަޅީ ކެއުމުގެ ކުރިން ހުސްބަނޑާ ހުރެ އެވެ. އޭރުން ސަރުބީ ވިރުވާލެއް އަވަސްވާނެ އެވެ. އަނެއް ބަޔަކު ބުނާގޮތުގައި ހިނގަން އެންމެ ރަނގަޅީ ކެއުމުގެ ފަހެވެ. އޭރުން ހަޖަމް ރަނގަޅުވެ، ލޭގެ ހަކުރު ދަށްކޮށްދޭނެ އެވެ.

ސިއްހީ މާހިރުން ލަފާދެއްވާ ގޮތުގައި ލޭގެ ހަކުރު ދަށްކުރުމަށް ކެއުމަށް ފަހު ހިނގުމުން ފައިދާ ކުރެ އެވެ. ނަމަވެސް ހިނގަން ފަށާނީ ވަގުތުން ނެއް ނޫނެވެ. ކައިގެން 10 ވަރަކަށް މިނިޓް ފަހުންނެވެ. އެ ވަގުތަކީ ލޭގައި ހަކުރު ހުންނަ މިންވަރު މައްޗަށް އަރަމުންދާ ވަގުތަށް ވާތީ، އެ ވަގުތު ހިނގުމުން ލޭގެ ހަކުރު ވަރަށް ބޮޑު ތަން ދަށްކޮށްދެ އެވެ. ކައިގެން ބަނޑުގެ ތަފާތު އުނގަދޫތައް ބައެއް މީހުން އިހުސާސްވާތީ އެ ވަގުތަކީ ހިނގަން ބޭނުން ނުވެދާނެ ވަގުތެކެވެ.

ކައިނިމިގެން ހިނގާލުމަށް ސިއްޚީ މާހިރުން ލަފާ ދެއްވާ

ކައިގެން 5 މިނިޓާއި 10 މިނިޓާ ދޭތެރެއަކީ ކޭ ތަކެތި ހަޖަމްވާން ފަށާ ވަގުތެވެ. އެ ވަގުތުގައި ލޭގައި ހަކުރުގެ މިންވަރު އިތުރުވެ އެވެ. މި ވަގުތުގައި 10 ވަރަކަށް މިނިޓު އާދައިގެ މިނެއްގައި ހިނގާލުމަކީ ކެއުމުގެ ސަބަބުން ލޭގައި ކުއްލިއަކަށް ގިނަވި ހަކުރުގެ މިންވަރު ދަށްކޮށްލުމަށް އެހީވެދޭނެ ކަމެކެވެ. 10 މިނިޓުގެ ބަދަލުގައި 30 ވަރަކަށް މިނިޓު ހިނގާލަން ނިންމައިފި ނަމަ އެކަމުން އަދި މާބޮޑަށް ފައިދާވާނެ އެވެ.

ހިނގުމުގައި ހެދޭ ކުޑަ ގޯހަކުން އެ ކަސްރަތުން ލިބެންވާ ފުރިހަމަ ފައިދާ ކުޑަވާ ގޮތް ދިމާވެ އެވެ. އާންމު ގޮތެއްގައި ކުރާ ކަސްރަތެއްގެ ސަބަބުން ހިތުގެ ހިނގުން އަވަސްވެ ހަކަތަ އަންދަންވާނެ އެވެ. އެހެން ނަމަވެސް މާ މަޑުން ހިނގާނަމަ، ހިތުގެ ހިނގުމަކަށް ވަކި ބަދަލެއް ނާންނާނެ އެވެ. ވީމާ ކަސްރަތެއްގެ ގޮތުގައި ހިނގާނަމަ ހިނގަން ވާނީ ބާރަށެވެ. އަދި ދެއަތް ހަރަކާތް ކުރުވަމުންނެވެ.

ކަސްރަތެއްގެ ގޮތުގައި ހިނގާ ނަމަ، ގަވާއިދުން އެކަން ކުރުމަކީ އެންމެ ފައިދާހުރި ގޮތެވެ. އެންމެ މަދުވެގެން 15 މިނިޓު ނަމަވެސް ހިނގުމުގައި ހޭދަކޮށްލުމުން އެއްގޮތަކަށް ކަސްރަތު ނުކުރުމަށް ވުރެ ފައިދާ ބޮޑެވެ.

ހިނގަން އަރާ ބޫޓަކީ ފަސޭހަ ބޫޓަކަށް ހެދުން ވެސް ވަރަށް މުހިންމެވެ. ބޫޓް ބާރުވުމުގެ ސަބަބުން އެއްވެސް ވަރަކަށް ފަޔަށް ދަތުވާނަމަ، އެކަމުގެ ސަބަބުން ހިނގަން ދިއުމަށް އޮންނަ ޝައުގުވެރިކަން ކުޑަވެ އެކަން ކުރުން ހުއްޓާލެވޭނެ އެވެ.

އަބަދު އެއްމަގަކުން ހިނގުމަކީ ވެސް ހިނގަން ފޫހި ކުރުވާނެ ކަމެކެވެ. ވީމާ ހިނގަން އާމަގުތައް ޚިޔާރު ކުރުމަކީ ވެސް ވަރަށް މުހިންމު ކަމެވެ.

ހިނގުމަކަށް ވަކި ގަނޑިއެއް ނުވެ އެވެ. ކައި ނިމިގެން 5 ވަރަކަށް މިނިޓުވުމަށްފަހު ހިނގާލުމުން ލޭގައި ހަކުރު ހިމެނޭ މިންވަރު ކުޑަކޮށް، ދުޅަހެޔޮ ސިއްހަތަށް މަގުފަހި ކޮށްދެ އެވެ.