2000 ވަނަ އަހަރު ރިލީޒް ކުރެވުނު ބޮލީވުޑް ފިލްމު " ކަހޯނާ ޕްޔާރުހޭ"އަކީ އަހަރުގެ އެންމެ ކާމިޔާބު ފިލްމުގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރި ފިލްމެކެވެ.

އެ ފިލްމާއެކު ރިތިކް ރޯޝަންއާއި އަމީޝާ ޕަޓޭލްގެ ބޮލީވުޑް ކެރިއަރު ފެށިގެން ދިޔައިރު ގިނަ ބަޔަކަށް ނޭނގޭ ކަމަކީ އެ ފިލްމުގެ އަންހެން ލީޑު ރޯލު އެންމެ ފުރަތަމަ ހުށައެޅުނީ މަޝްހޫރު ތަރި ކަރީނާއަށް ކަމެވެ.

ބޮލީވުޑްގެ ހަބަރުތައް ބުނާ ގޮތުގައި "ކަހޯނާ ޕްޔާރުހޭ" ވާން އޮތީ ކަރީނާގެ އެންމެ ފުރުތަމަ ފިލްމަށެވެ. ފިލްމުގެ މަސައްކަތް ރަސްމީކޮށް ފެށެން ކުޑަ ދުވަސްކޮޅަކަށް ވެފައި އޮއްވާ ފިލްމުން އޭނާ ބޭރު ކޮށްލުމުގެ ކުރިން ބައެއް މަންޒަރުތައް އޭނާ ކުޅެފައިވެސްވެ އެވެ.

އެކަމާ ބެހޭގޮތުން ވާހަކަ ދައްކަމުން ޕްރޮޑިއުސަރު ރާކޭޝް ރޯޝަން ވަނީ ކަރީނާ އެ ފިލްމުން ވަކިކުރުމުގެ މައިގަނޑު ސަބަބަކީ އޭނާގެ މަންމަ ބަބީތާ ކަޕޫރު ކަމަށް ބުނެފަ އެވެ.

އެގޮތުން ފިލްމުގެ މަސައްކަތްތައް ކުރުމުގައި ބަބީތާ ގޮތްފާޑު ކިޔަން ފެށި ކަމަށާއި ރިތިކްއަށްވުރެ ބޮޑު އާމްދަނީއެއް ކަރީނާއަށް ދޭން ވެސް ޑިމާންޑްކުރި ކަމަށް ރާކޭޝް ބުންޏެވެ.

މި ޑިމާންޑް ތަކުގެ ސަބަބުން ފިލްމުން ކަރީނާ ވަކިކޮށް އެ ފުރުސަތު އަމީޝާއަށް ދިނީ އެވެ. ނަތީޖާއަކަށް ވެގެންދިޔައީ ރެއަކާދުވާލުން އަމީޝާއަށް ބޮޑު މަަގުބޫލު ކަމެއް ލިބުމެވެ.

އޭގެ ފަހުން ކަރީނާ ބޮލީވުޑަށް ތައާރަފްވީ ޖެހިގެން އައި އަހަރު އަބީޝޭކް ބައްޗަންއާއެކު އޭނާ ފެނިގެންދިޔަ ފިލްމު ކަމަށްވާ "ރެފިއުޖީ"އިންނެވެ.