މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ކުރިމަތިލި މީހުންގެ ތެރެއިން ތިން މީހަކަށް ރުހުން ދޭން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފި އެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މީޑިއާ ކޮމިޝަނަށް ކުރިމަތިލެއްވި ބޭފުޅުންނާ އިންޓަވިއު ކުރުމަށްފަހު %75 އަށް ވުރެ މަތިން މާކްސް ދީފައި ވަނީ ތިން މީހަކަށެވެ. އެއީ ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ރައީސް ސަފާ ޝަފީގާއި މެންބަރު އައިމިނަތު ސަރާހަތު އިއްޒަތާއި މުހައްމަދު ފަރުސަތަށެވެ.
ކޮމިޝަނަށް ކުރިމަތިލި 10 މީހުންގެ ތެރެއިން ދެ މީހަކު ވަނީ އިންޓަވިއު މަރުހަލާގެ ކުރިން ނަން އަނބުރާ ގެންގޮސްފަ އެވެ. ބާކީ ތިބި 8 މީހުންނާ އިންޓަވިއު ކުރުމަށްފަހު ކޮމިޓީ ވަނީ މާކްސް ދީފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން އެއްވެސް މުއައްސަސާއަކަށް މީހަކު އައްޔަން ކުރަން މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިފިނަމަ ކޮމިޓީން ގޮތެއް ނިންމާނީ އެ މީހެއްގެ ތައުލީމާއި ތަޖުރިބާ އާއި އިންޓަވިއުއަށް ބަލައިގެން މާކްސް ދިނުމަށްފަހު އެވެ. ކޮމިޓީން ވޯޓަށް އެހުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވާނީ %75 އަށް ވުރެ މަތިން މާކްސް ލިބޭ މީހުންގެ ނަންތަކެވެ.
މި މައްސަލައިގައި މިއަދުގެ ޖަލްސާގައި ވޯޓަށް އެހުމަށް ވަނީ ތާވަލުކޮށްފަ އެވެ.
ހަތް މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ބްރޯޑްކާސްޓިން ކޮމިޝަނަށް މަޖިލީހުން 3 މެންބަރުން އައްޔަން ކުރާނެ އެވެ. އެ ކޮމިޝަނަށް އިންތިހާބަކާ ނުލައި ބްރޯޑްކާސްޓަރުންނާއި އެހެނިހެން މީޑިއާތަކުން 4 މެންބަރުން މިހާރު ވަނީ އިންތިހާބުވެފަ އެވެ.
މަޖިލީހުން އައްޔަން ކުރާ މެންބަރުންނާއެކު މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނުގެ ދަށުން އުފެދޭ ފުރަތަމަ މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް މެންބަރުން ހަމަވާނެ އެވެ.