ރޯދަ މަލާފާތުގެ މިއަދުގެ އެޕިސޯޑުގައި މިއޮތީ ރޯދަ ވިއްލަން ނުވަތަ ހާރުދަމަށް ވެސް ތައްޔާރު ކޮށްލަން ކަމުދާނެ ޑިޝްއެކެވެ. ތައްޔާރު ކޮށްލަން ފަސޭހަ ޖީބަށް ލުއި މި ޑިޝް ތިޔަ ބޭފުޅުންނަށް ކަމުދާނެ ކަމަށް އުއްމީދު ކުރަމެވެ.

ބޭނުންވާ ތަކެތި

  • 2 މޭޒުމަތީ ސަމުސާ ވެޖެޓަބަލް އޮއިލް
  • 1/4 ޖޯޑު ފިޔާ (ތުނިކޮށް ކޮށާފައި)
  • 3 ލޮނުމެދު (ޗިސްކޮށްފައި)
  • 1/8 ސައި ސަމުސާ ޗިލީ ފްލޭކްސް
  • 1/4 ޖޯޑު ބެލް ޕެޕަރ (ކޮށާފައި)
  • 1 ޓޮމާޓޯ (ކޮށާފައި)
  • 2 ޖޯޑު ބާސްމަތީ ހަނޑޫ
  • 4 ޖޯޑު ޗިކަން ސްޓޮކް
  • 1 ލުނބޯގެ ހުތް
  • 2 ސައި ސަމުސާ ސޯޔާ ސޯސް
  • 1/2 ސައި ސަމުސާ ރީނދޫ
  • 1/4 ޖޯޑު ގްރީން ޕީސް
  • ލޮނު (ރަހަލާ ވަރަށް)

ހަދާނެ ގޮތް

  1. ތެލި އުނދުން މައްޗަށް އުދައި މެދު ގިނީގައި ހޫނު ކޮށްލާށެވެ. ތެލާއި ފިޔާ، ލޮނުމެދު އަދި ޗިލީ ފްލޭކްސް އަޅާލުމަށްފަހު ވަޅޯ ކޮށްލާށެވެ. ގާތްގަނޑަކަށް މިނެޓެއް ހާއިރު ރަނގަޅު ވާނެއެވެ.
  2. ޓޮމާޓޯ އާއި ބެލް ޕެޕަރ އެއްކޮށްލުމަށްފަހު އިތުރު އެއްމިނެޓު ކައްކާލާށެވެ.
  3. ތެއްޔަށް ހަނޑޫކޮޅު އެޅުމަށްފަހު އެއްކޮށް ހަނާ ކޮށްލާށެވެ.
  4. އެއަށްފަހު ޗިކަން ސްޓޮކް އަޅާލުމަށްފަހު އުނދުނުގެ ގިނި ގަދަ ކޮށްލާށެވެ.
  5. ލުނބޯ ހުތާއި ސޯޔާ ސޯސް އަދި ރީނދޫ އަޅާ ރަނގަޅަށް އެއްކޮށްލާށެވެ.
  6. ފެންގަނޑު ކެކެން ފެށުމުން ތެލީގެ މަތިޖަހާ ފެން ހިނދެން ދެން ކައްކާށެވެ.
  7. ފެން ރަނގަޅަށް ހިނދުމުން މަތިނަގާ ގްރީން ޕީސް ބަތްގަނޑާ އެއްކޮށްލާށެވެ.

ހިހޫވުމުން އަހަރުމެންގެ ތައި ޔެލޯ ރައިސް ސުފުރާ މައްޗަށް އިންސާފު ކުރަން ތައްޔާރުވީ އެވެ. ބޭނުންނަމަ ކުޑަ ކޮތަނބިރި ފަތްކޮޅެއް ބަތްގަނޑުގެ މައްޗަށް ބުރުވާ ލެވިދާނެ އެވެ. ސައިޑް ޑިޝްއަކާއެކު އިންސާފު ކޮށްލަން ވަރަށް މީރުވާނެ އެވެ.