ރާއްޖޭގެ ބޮޑުވަޒީރަކަށް ވެވަޑައިގަންވަން ބޭނުންފުޅުވާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހަށް މިއަދު ހަވީރު ފޮނުވި މެސެޖެއްގައި ނަޝީދު ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް އަންނަ އަހަރު ބޮޑުވަޒީރަށް ވެވަޑައިގަންނަވަން ބޭނުންފުޅުވާކަމަށެވެ.

ނަޝީދު ވަނީ ބޮޑުވަޒީރަކަށް ވެވަޑައިގަތުމާ ގުޅޭގޮތުން ރައީސް ސޯލިހާ މަޝްވަރާކުރައްވަން ބޭނުންފުޅުވާ ކަމަށެވެ.

އެމްޑީޕީގެ މަޖިލިސް މެމްބަރަކު ވިދާޅުވީ ކެބިނެޓްގެ ބައެއް ވަޒީރުންނަށް ވެސް ނަޝީދު އެ މެސެޖު ފޮނުއްވި ކަމަށެވެ.

ނަޝީދު ބޭނުންފުޅު ވަނީ އަންނަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި ވެރިކަމުގެ ނިޒާމް ބަދަލުކޮށް މަޖިލީހުން ސަރުކާރު އެކުލަވާލުމަށެވެ. ހަމައެހެންމެ 2023 ވަނަ އަހަރު ރިޔާސީ އިންތިހާބު ނުބޭއްވުމަށް ވެސް ނަޝީދުގެ މެސެޖުގައި އެދިވަޑައިގަތެވެ.

މީގެއިތުރުން 2024 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ދާއިރު ރައްޔިތުން މަޖިލީހުން ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުމަށް ވެސް ނަޝީދު ހުށަހަޅުއްވާފައިވެ އެވެ.

ނަޝީދު އެ ބޭނުންފުޅުވާ ކަންތައް ކުރެވޭނީ ގާނޫނު އަސާސީއަށް އިސްލާހު ގެނެސްގެންނެވެ. އެފަދަ އިސްލާހެއް މީގެކުރިން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މަޖިލީހަށް ހުށަހެޅުއްވި ނަމަވެސް ފާސްވެފައެއް ނުވެ އެވެ.