ރާއްޖޭގެ ދީނީ ޢިލްމުވެރިންގެ ތެރޭގައި ހިމެނޭ، ދީނީއިލްމުވެރިޔާ ޑރ. އަބްދުﷲ ޝިހާމް ހަސަން އަށް ދީނީ ދަރުސް ދިނުމަށް ސަރުކާރުން ހުރަސްއަޅަމުން އަންނަ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

އެކަން ހާމަކުރައްވަމުން ޑރ ޝިހާމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 2009 ވަނަ އަހަރުން ފެށިގެން، ރާއްޖޭގައި ދީނީ ދަރުސް ދިނުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީއިން އޭނާ އަށް ދީފައިވާ ކަމަށެވެ.

މީގެ ކުރިން ގިނަ ރަށްރަށުގެ މިސްކިތްތަކުގައާއި މަދަރުސާތަކުގައާއި ޓީވީ ޕްރޮގްރާމް ތަކުގައި ގިނަ އަދަދެއްގެ ދަރުސްތައް ދެމުންގެންދިޔަކަން ފާހަގަކުރައްވައި ޝިހާމް ވިދާޅުވީ 2015 ވަނަ އަހަރަުން ފެށިގެން މިވޭތުވެދިޔަ 10 ވަރަކަށް އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ރަށްރަށުން އޭނާގެ ދަރުސް ތައް ބޭއްވުމަށް އިންތިޒާމު ކުރާ ފަރާތްތަކުން އިސްލާމިކް މިނިސްޓްރީއަށް ހުއްދައަށް އެދުމުން ވެސް ދަރުސް ކުރިއަށްގެންދިޔުމަށް އިސްލާމިކް މިނިސްޓްރީއިން ހުއްދަނުދެއްވާކަމެވެ.

https://web.facebook.com/drabdullah.shiham

ޝިހާމް ވިދާޅުވީ މިކަމާ ގުޅިގެން، މި ވާގޮތެއް އޮޅުން ފިލުވުމަށް ރައީސް ޑރ މުހައްމަދު މުއިއްޒުގެ މި ސަރުކާރު އައިފަހުން، 2023 ވަނަ އަހަރުގައި އިސްލާމިކް މިނިސްޓްރީއަށް ގޮސް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާ ބައްދަލުކުރައްވައި މިވާހަކަތައް ހިއްސާކުރެއްވި ކަމަށެވެ. އަދި އެ ވާހަތައް ހިއްސާކުރެއްވުމުން ޖަވާބުގައި “އެފަދަ ފުރުސަތުތަކާއި ވަޒީފާތައް ހޯދަން އުޅެންވާގޮތަށް ނޭނގެނީ" ކަމުގައި ވިދާޅުވި ކަމަށް ޝިހާމް ވިދާޅުވި އެވެ.

ޝިހާމް ވިދާޅުވީ ޝަހީމުގެ އިތުރުން މި މައްސަލައިގެ ކަންބޮޑުވުންތަކުގެ ވާހަކަ އިސްލާމީ މަރުކަޒުގެ އިސް އިމާމް އައްޝައިޚު މުހައްމަދު ލަތީފާ ބައްދަލު ކުރައްވައި ހިއްސާކުރައްވާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެކަމަށް އެއްވެސް ބަސްފުޅެއް ވިދާޅުނުވާކަމަށް ޝިހާމް ވިދާޅުވި އެވެ.

ޝިހާމަކީ ރާއްޖޭގައި އެކި ގޮތްގޮތުން ދީނީ އިލްމު ފެތުރުމުގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ބޭފުޅެކެވެ. ހާއްސަކޮށް ނަމާދާއި ގުޅޭ ދަރުސްތައް ވަރަށް ގިނައިން ދީފައިވެ އެވެ.