ދިވެހި ރާއްޖޭގެ އެންމެ މަޝްހޫރު އެއް ޕްރޮޑަކްޝަން ކުންފުނި ޑާކްރެއިން އެންޓަޓެއިންމަންޓްގެ ކުރިއަށް އޮތް ފިލްމުގެ ފުރަތަމަ ފެނިލުން އާއްމުކޮށްފި އެވެ.

"ޕްރޮޖެކްޓް 39"ގެ ގޮތުގައި އެންމެ ފުރަތަމަ އިޝްތިހާރު ކުރަން ފެށި އެ އުފެއްދުމުގެ ނަން ހުކުރު ދުވަހު އިއުލާން ކޮށްފައިވާއިރު އެއީ މިއަހަރު އެ ޕްރޮޑަކްޝަނުން ގެނެސްދޭ އެންމެ ފަހު އުފެއްދުމެވެ.

"އަލްވަދާއު"ގެ ނަން ދީފައިވާ އެ އުފައްދުމުގެ ނަން ދިމާކުރަން ޑާކްރެއިނުން ސޯޝަލް މީޑިއާގައި ހުޅުވާލިއިރު ގިނަ ބަޔަކު ވަނީ ރަނގަޅު ޖަވާބު ވެސް ދިމާކޮށްފަ އެވެ. އޭގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް "އަލްވަދާއު"ގެ ޕްރިމިއާ ނައިޓްގެ ޓިކެޓް ލިބޭނެ އެވެ.

ޑާކްރެއިންގެ ކުރިއަށް ފިލްމުގެ ނަމާއެކު އެ ފިލްމުގެ ފުރަތަމަ ޕޯސްޓަރު ވެސް މިހާރު ވަނީ ދައްކާލާފަ އެވެ. ފިލްމުގެ ލީޑު ރޯލުން ފެނިގެންދާނީ މަރިޔަމް މަޖުދާ (މަޖޫ)އާއި ޝަރަފް އަބްދުﷲ އެވެ.

ހުކުރު ދުވަހު އާއްމުކުރި ޕޯސްޓަރުގައި ހާއްސަ އެހީއަށް ބޭނުންވާ މީީހެއްގެ ރޯލުން މަޖޫ ފެންނައިރު ޝަރަފް ފެނިގެންދަނީ އޭނާގެ ލޯބިވެތި ބައިވެރިއެއްގެ ގޮތުގަ އެވެ. އެހެންކަމުން ނަމާ އެއްގޮތަށް މި ފިލްމަކީ ލޯތްބާއި ވޭނީ އިހުސާސްތައް ކުރުވާނެ ފިލްމެއް ކަމަށް ބެލެވެ އެވެ.

އެ ދެތަރިންގެ އިތުރުން ފިލްމުން ފެނިގެންދާނެ ތަރިންގެ ތެރޭގައި މުހައްމަދު ރަޝީދު (ދަރާ)، ޝީލާ ނަޖީބު، އިސްމާއީލް ޖުމައިހް އަދި ނުޒުހަތު ޝުއައިބު ހިމެނެ އެވެ.

ޑިސެމްބަރު މަހު އެއްވަނަ ދުވަހު އޮލިމްޕަހުގައި އަޅުވާ މި ފިލްމަކީ ޝަހުދާ މަހުމޫދު (ޝަހޫ)ގެ ވާހަކައަކަށް އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކުރާ ފިލްމެކެވެ.