ދިވެހި ސީރީޒް "ހުވާ"ގެ ދެވަނަ ސީޒަންގެ ޝޫޓިންގެ ތެރެއިން އެކްޓަރެސް މަރިޔަމް އައްޒައަށް އަނިޔާވި ހަބަރު މީޑިއާއަށް ތިލަވީ މީގެ ދެ ދުވަސް ކުރިންނެވެ.

ޑައިރެކްޓަރު ފާތިމަތު ނަހުލާ ޓިކްޓޮކް ލައިވްއެއްގެ ތެރެއިން އެކަމާ ބެހޭގޮތުން ވާހަކަ ދައްކާފައިވާއިރު ފަރުވާއަށްފަހު މިހާރު އައްޒަ ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށް އޭނާ ބުންޏެވެ.

ނަހުލާ ބުނީ އަހުމަދު އީސާ (އާނަންދު) އައްޒަ ކޮއްޕާލާ މަންޒަރެއް ނެގުމުގެ ތެރޭގައި އައްޒަ އަނގަވަތަށް ވެއްޓި އަނގަމަތި ފަޅައިގެން ގޮސް ދެ ދެތަށް ވެސް ގެއްލުން ވެފައިވާ ކަމަށެވެ.

އެހެން ނަމަވެސް އެ ވަރުން ވެސް އައްޒަ މަންޒަރު ފުރިހަމަކުރި ކަމަށާއި އެ މަންޒަރުގައި ފެނިގެންދާނީ އައްޒަގެ އަސްލު ލޭ ކަމަށް ވެސް ހަބަރުތައް ބުނެ އެވެ.

އައްޒަ ވެއްޓި އަނިޔާވާ މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު އާއްމުވެފައިވާއިރު އެކަން އޭނާގެ ދައްތަ އައިޝަތު ރިޝްމީ ވެސް ވަނީ ޔަގީން ކޮށްދީފަ އެވެ.

ބައިސްކޯފުން ދައްކާ އެ ސީރީޒްގެ ދެވަނަ ސީޒަންގެ މަސައްކަތް ދިގު މެދުކެނޑުމަކަށްފަހު އަލުން ފަށާފައިވާއިރު ސީރީޒް ދައްކަން ފަށާނެ ދުވަހެއް އަދި އެނގިފައެއް ނުވެ އެވެ.