ބުރާސްފަތި ދުވަހަށް މަޖިލިސް ޖަލްސާއެއް އެޖެންޑާ ކޮށް ސަރުކާރުން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މާދަމާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އެޖެންޑާކޮށްފި އެވެ.
ބަޖެޓު ހުށަހަޅަން މާދަމާއަށް އެޖެންޑާ ކުރި ޖަލްސާ ވެސް ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:00 ޖަހާއިރުގަ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅުން މާދަމާ އޮންނާނެ ކަމަށެވެ.
އެކަމަކު، ބަޖެޓާ ގުޅޭ އެއްވެސް ތަފުސީލެއް މިހާތަނަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ. އެހެންވެ، އަންނަ އަހަރަށް ލަފާކޮށް ހުށަހަޅަނީ ކިހާ އަދަދެއްގެ ބަޖެޓެއް ކަމެއް ނޭނގެއެވެ.
ރައީސް މުހައްމަދު މުއިއްޒު ވަނީ އަންނަ އަހަރުގެ ބަޖެޓުން އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ސިއްހީ ދާއިރާއަށް ކަމަށް ވިދާޅުވެފަ އެވެ. މި އަހަރުގެ ބަޖެޓުން އެންމެ އިސްކަމެއް ދިނީ ބޯހިޔާވަހިކަމަށެވެ. ބަޖެޓަށް ނަން ދިނީ ވެސް ބޯހިޔާވަހިކަމުގެ ބަޖެޓުގެ ގޮތުގަ އެވެ.
އެކަމަކު، ހިސާބުތަކުން އެނގޭ ގޮތުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖެހި 1.8 ބިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް ހަރަދުކުރީ އެންމެ ނުވަ އިންސައްތަ އެވެ.
މި އަހަރަށް ވެސް ސަރުކާރުން ރިކޯޑު އަދަދެއް ކަމަށްވާ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކުރި އެވެ. އެކަމަކު، އަހަރު ނިމެން ދެ މަސް ދުވަހަށްވެފައިވާއިރު ފިނޭންސް މިނިސްޓްރީގެ ރަސްމީ ހިސާބުތަކުން ދައްކާ ގޮތުގައި މިހާތަނަށް ހަރަދުކޮށްފައިވަނީ 30 ބިލިއަން ރުފިޔާ އެވެ.
އެއީ، މި އަހަރު މިހާތަނަށް ލިބުނު އާމްދަނީއަށް ވުރެ 186 މިލިއަން ރުފިޔާ ދަށް އަދަދެކެވެ. އެހެންވެ، ސަރުކާރުން ހަރަދު ކުރަމުން އަންނަނީ އާމްދަނީއަށްވުރެ މަދުންނެވެ.
ސަރުކާރުން ލިބޭ އެއްޗަކުން ހަރަދު ކުރާ ކަމަށް ބުނި ނަމަވެސް އެއީ ސަޕްލަޔަރުންނަށް ދައްކަންޖެހޭ އެތައް ބިލިއަން ރުފިޔާއެއް ނުދައްކާ އޮތުމުންނެވެ. އިދިކޮޅު ފަރާތްތަކުން ލަފާކުރާ ގޮތުގައި އެ ފަރާތްކަށް ނުދައްކާ 14 ބިލިއަނަށް ވުރެ ގިނަ ފައިސާ އެބަ ހުއްޓެވެ.
އެހެން ނަމަވެސް އެ އަދަދު ހާމަކުރަން ފިނޭންސް މިނިސްޓްރީން ވަނީ ދެކޮޅު ހަދާފައެވެ. އެކަމަކު، ސަޕްލަޔަރުންނަށް ދޭންޖެހޭ ދެ ބިލިއަން ރުފިޔާ ދައްކާ ނިންމާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މީގެ ކުރިން އިއުލާނުކުރައްވާފަ އެވެ.
އިދިކޮޅު ފަރާތްތަކުން ތހުމަތު ކުރާ ގޮތުގައި މި ސަރުކާރުން އެކަން ކުރަން އުޅެނީ ޕެންޝަން އޮފީސް މެދުވެރިކޮށް މަރުކަޒީ ބޭންކުން ފައިސާ ނަގައިގެންނެވެ. އެއީ، ފައިސާ ޗާޕުކުރުން ކަމަށް ބުނެ ގިނަ ބަޔަކު ނުރުހުން ފާޅުކުރަނިކޮށް ޕެންޝަން އޮފީހުގެ ބޯޑުގައި އިންނަވާ ސަރުވަޝް އާދަމް ވެސް ވަނި އެ ފަދައިން ވިދާޅުވުމަށް ފަހު މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.
އެކަމަކު، ސަރުކާރުން އަންނަނީ ފައިސާ ޗާޕުނުކުރާނެ ކަމަށް ތަކުރާރުކޮށް ބުނަމުންނެވެ. އެއީ، ރައީސް މުއިއްޒުގެ ވައުދުފުޅެއް ވެސް މެއެވެ.
އަހަރުގެ މިހާތަނަށް ޖުމުލަ 30.5 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު އޭގެ ތެރެއިން 26.5 ބިލިއަން ރުފިޔާ ހަރަދުކުރީ ހިންގުމުގެ ހަރަދުތަކަށެވެ. އެއީ ހަރަދުގެ ގާތްގަނޑަކަށް 87 އިންސައްތައެވެ. މަޝްރޫއުތަކަށް ނުވަތަ ކެޕިޓަލް ހަރަދަށް ހޭދަކުރީ އެންމެ ހަތަރު ބިލިއަން ރުފިޔާ ނުވަތަ 13 އިންސައްތައެވެ. އެއީ، ބަޖެޓުގައި މަޝްރޫއުތައް ހިންގަން ޖެހި 12.5 ބިލިއަން ރުފިޔާގެ އެންމެ 32 އިންސައްތައެވެ. އެހެންވެ، ސަރުކާރަށް މާލީ ގޮތުން ގިނަ ދަތިތަކެއް ހުރިކަން ހިސާބުތަކުން އެނގެ އެވެ.
ބައިނަލްއަގުވާމީ އެންމެ ބޮޑު ކްރެޑިޓް ރޭޓިން އެޖެންސީތަކުން ރާއްޖެއަށް ޖަންކް ރޭޓިން ދީފައިވުމުގެ ސަބަބުން ދަރަނި ހޯދަން ވަނީ ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. އެހެންވެ، މަޝްރޫއުތަކަށް ހަރަދުކުރަން ގޮންޖެހުންތައް އެބަހުއްޓެވެ.
ހައްޔަރުކުރި މީހުން ހުރާގެ ގެސްޓްހައުސްއެއްގައި ޑޮލަރު ގުނި!
ގޯނާގެ 41 މައްސަލަ ރިޕޯޓު ކުރީ ކުޑަކުދިން އަމިއްލަ އަށް