އަންނަ މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން ސައުދީއަރަބިއާއިން އުމްރާގެ އަޅުކަމަށް މައްކާއަށް މީހުން ދިއުމުގެ ހުއްދަ ދޭން ނިންމާފައިވާ ކަމަށް ސައުދީގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފި އެވެ.
ސައުދީގެ ދައުލަތުގެ މީޑިއާ ކަމަށްވާ އެސްޕީއެފް އިން މިނިސްޓްރީ އޮފް އިންޓީރިއާ އާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި އުމްރާއަށް އުމުގެ ހުއްދަ ދެވޭނީ އެކި މަރުހަލާތަކަކަށް ބަހާލައިގެންނެވެ.
ފުރަތަމަ މަރުހަލާ: ސައުދީގެ ރައްޔިތުންނަށް އޮކްޓޯބަރު މަހުގެ 4 ވަނަ ދުވަހުން ފެށިގެން އުމްރާގެ އަޅުކަން އަދާކުރުމުގެ ހުއްދަ ދެވޭނެ އެވެ. އަދި އެއް ވަގުތެއްގައި ހަރަމްފުޅުގައިި އުމްރާގެ އަޅުކަން އަދާކުރެވޭނީ ސިއްހީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެކު 30 އިންސައްތަ ކެޕޭސިޓީއެއްގަ އެވެ. އެހެން ކަމުން ދުވާލެއްގެ މައްޗަށް އުމްރާ ކުރެވޭނީ 6،000 މީހުންނަށެވެ.
ދެވަނަ މަރުހަލާ: 18 އޮކްޓޯބަރުން ފެށިގެން އެހެން ގައުމުތަކުގެ މީހުންނަށް އުމްރާއަށް އައުމުގެ ފުރުސަތު ދެވޭނެ އެވެ. އަދި ހަރަމްފުޅުގެ އިތުރުން މަދީނާގައި ހުންނަ މަސްޖިދުލް ނަބަވީގައި އަޅުކަން ކުރުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި މި ހުއްދަ ދެވޭނީ 75 އިންސައްތަ ކެޕޭސިޓީގަ އެވެ. އެގޮތުން ދުވާލެއްގެ މައްޗަށް އުމްރާގެ އަޅުކަމަށް 15،000 މީހުންނަށް މި ހުއްދަ ދެވޭނެ އެވެ. އަދި އަޅުކަން ކުރަން 40،000 މީހުންނަށް ހުއްދަ ދެވޭނެ އެވެ.
ތިންވަނަ މަރުހަލާ: ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިިގެން ފުލް ކެޕޭސިޓީގައި އެހެން ގައުމުތަކުގެ މިހުންނަށް ހަރަމްފުޅުގައި އުމްރާގެ އަޅުކަން ކުރުމުުގެ ހުއްދަ ދެވޭނެ އެވެ. އަދި ދުވާލެއްގެ މައްޗަށް ސިއްހީ ރައްކަތެރިކަމުގެ ފިޔަވަޅުތަކާއި އެކު 20،000 މީހުންނަށް އުމްރާގެ އަޅުކަމަށް ހުއްދަ ދެވެނެ އެވެ.
ހަތަރުވަނަ މަރުހަލާ: ޕެންޑެމިކް ކޮންޓްރޯލް ކުރެވުނު ކަން ޔަގީންވުމުން މިސްކިތްތަކުގެ 100 ކެޕޭސިޓީގައި އަޅުކަން އަދާކުރުމުގެ ހުއްދަ ދެވޭނެ އެވެ.