އައްޑޫގެ ގުޅިފައިވާ ރަށްތަކުން އަނެއްކާވެސް ކަރަންޓު ކަނޑަން ފަށައިފިއެވެ.
އެ ސިޓީއަށް ކަރަންޓުގެ ހިދުމަތްދޭ ފެނަކަ ބްރާންޗުގެ ވައިބާ ގްރޫޕުގައި ހުކުރު ދުވަހުގެ މެންދުރު 12:56ގައި ބުނެފައި ވަނީ، ސެންޓްރަލް ޕަވާ ސްޓޭޝަންގައި ހިންގާފައި ހުރި އިންޖީނުތަކުގެ ތެރެއިން އިންޖީނަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މަރަދު އާއި ފޭދޫ އިން ކަރަންޓު ކެނޑިފައިވާ ކަމަށެވެ.
އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފެނަކައިން ބުންޏެވެ.
އޭގެފަހުން، އިތުރު ސަރަހައްދުތަކުން ކަރަންޓު ކަނޑާނެކަން އެ ގުރޫޕުގައި ވަނީ އަންގާފަ އެވެ. މިގޮތުން، އިތުރަށް ލޯޑު މެނޭޖުކުރުމަށް 14:00އިން މެދުވަލު ސުކޫލު ސަރަހައްދުން އެއް ގަޑިއިރަށް ކަރަންޓު ދާނެ ކަމަށާއި 14:20ގައި ބީއެމްއެލް ސަރަހައްދުން ކަރަންޓުދާނެ ކަމަށް ބުނެފައިވެއެވެ.
އެ ގުރޫޕުގައިވާ ގޮތުން، ކޮންމެ ސަރަހައްދަކުން ކަރަންޓު ކަނޑަނީ އެއް ގަޑިއިރަށެވެ. އައްޑޫގައި ހުންނަ އެމްއެންޔޫ ސަރަހައްދުންނާއި އައްޑޫ ސިޓީ ކައުންސިލް ސަރަހައްދުން 15:00އިން ފެށިގެން ކަރަންޓު ކެނޑޭނެ ކަމަށް ފެނަކައިން ވަނީ ބުނެފަ އެވެ.
އޭގެއިތުރަށް، 15:30 ފެށިގެން އައްޑޫގެ އިތުރު ސަރަހައްދަކުން ކަރަންޓު ކަނޑާނެ ކަމަށް ފެނަކައިން ބުނެއެވެ. އެއީ، ޝީޝާ ސަރަހައްދެވެ.
މިއީ އެ ސިޓީއަށް ކަރަންޓުގެ މައްސަލަ ދިމާވި ފުރަތަމަ ފަހަރެއް ނޫނެވެ. ރާއްޖޭގައި ދެވަނައަށް އެންމެ ބޮޑު އާބާދީ އޮންނަ އައްޑޫގެ ކަރަންޓު މައްސަލަ ހައްލުނުވެ، އެތައް ދުވަހެއް ވެއްޖެއެވެ. އެގޮތުން، މިދިޔަ ރޯދަ މަހު ވެސް އައްޑޫގައި މެދުނުކެނޑި ކަރަންޓު ކެނޑުމުގެ ސަބަބުން ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އައްޑުއަށް ކުރިމަތިވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް މިދިޔަ މާޗު މަހުގެ 13ވަނަ ދުވަހު އެ ސިޓީއަށް އެއް މެގަވޮޓުގެ ޖެނެރޭޓަރު ސެޓެއް ގެންދިޔައެވެ. އެއަށް ފަހު، ހަމަ އެ މަހުގެ 25ވަނަ ދުވަހު ވަނީ 1.8 މެގަވޮޓްގެ އިތުރު ޖަނަރޭޓަރެއް އެ ސިޓީއަށް ފޮނުވައިފައެވެ. އެ ޖަނަރޭޓަރު އޮޕަރޭޝަނަށް ގެނައީ މާރިޗު މަހުގެ 31ވަނަ ދުވަހުގައެވެ.
ފެނަކައިންނާއި އައްޑޫ ސިޓީ ކައުންސިލުން ވެސް މީގެ ކުރިން ބުނި ގޮތުގައި އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ބޭނުންވަނީ 15 ކިލޯވޯޓްގެ ޖަނަރޭޓަރެވެ.
ގިނަ ބަޔަކު ދެކޭ ގޮތުގައި އައްޑޫގެ ކަރަންޓު މައްސަލަ ހައްލުވާނީ އެ ތަނުގައި އަލަށް ގާއިމުކުރާ ޕަވާ ހައުސް ނިމުމުންނެވެ. ނަމަވެސް، އެ ތަނުގެ މަސައްކަތް ވެސް މި ސަރުކާރުން ޗައިނާގެ ކުންފުންޏަކާ ހަވާލުކުރުމަށް ފަހު އަދިވެސް މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައެއް ނުވެ އެވެ.
މުސާރަތަކަށް ގެންނަ ބަދަލާއެކު ޖޮބް މެޓްރިކްސް އާންމުކޮށްފި
މުސްލިމުން ބަދުނާމު ކުރާތީ އިމްރާންގެ ފިލްމަށް ފާޑުކިޔަނީ!
އުނގުމަތީގައި ލެޕްޓޮޕް ނުބަހައްޓާތި!