ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ކުރިމަތިވި އުދުވާނީ ހަމަލާއާ ގުޅިގެން ފާހަގަކުރާ ނަސްރުގެ ދުވަހުގެ މުނާސަބާގައި ހުޅުމާލެ ޕޮލިސް އިން "ޝަހީދުންގެ ޝަރަފުގައި ދިދަ ވިހުރުވައިލުން" ހާއްސަ ހަރަކާތް ހުޅުމާލޭގައި މިއަދު ކުރިޔަށް ގެންގޮސްފި އެވެ.
ހުޅުމާލޭ ފުލުހުން ކުރިޔަށް ގެންދިޔަ މި ހާއްސަ ހަރަކާތް ގައުމީ ސަލާމުން ފެށިއިރު، ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހު ކުރިމަތިވި އުދުވާނީ ހަމަލާގައި ޝަހީދުވި އަބްޠާލުންގެ ހަނދާނުގައި ސުކޫތެއް ގެނައުން އޮތެވެ. އަދި ޝަހީދުންގެ ޝަރަފުގައި ދިދަ ވިހުރުމާއި ޝަހީދުންގެ މައްޗަށް ކުރެވޭ ޚާއްސަ ދުއާއެއް ކުރުން ވެސް މި ހަރަކާތުގެ ތެރެއިން ކުރިޔަށް ދިޔަ އެވެ.
ނަސްރުގެ ދުވަހާ ގުޅިގެން ކުރިޔަށް ގެންދިޔަ މި ހަރަކާތުގައި ހުޅުމާލޭގެ ސްކޫލްތަކުގެ ދަރިވަރުންނާއި ބެލެނިވެރިންނާއި މުދައްރިސުންނާއި ސްކޫލް މެނޭޖްމަންޓްގެ ބޭފުޅުންނާއި އާންމުން ބައިވެރިވި އެވެ.
"ޝަހީދުންގެ ޝަރަފުގައި ދިދަ ވިހުރުވައިލުން" ނިމުމުން އޮތީ "ނަސްރުގެ ފަސާނާ" ހުޅުވުމެވެ. ނަސްރު ފަސާނާ އަކީ 1988 ވަނަ އަހަރުގެ ނޮވެންބަރު 3 ގައި ރާއްޖެއަށް ކުރިމަތިވި އުދުވާނުގައި ހަނގުރާމައިގެ ކަންކަން ހިނގައި ދިޔަ ގޮތުގެ ވާހަކަ ފޮޓޯތަކުންނާއި ލިޔުމުން ކިޔައިދޭ ގޮތަށް ތައްޔާރުކޮށްފައި ހުރި މާލަމެކެވެ.
"ނަސްރުގެ ފަސާނާ" ހުޅުވުމަށް ފަހު ސިދަ ޢާންމުކޮށް ދައްކާލުން އޮތެވެ. "ޝަހީދުންގެ ޝަރަފުގައި ދިދަ ވިހުރުވައިލުން" ރަސްމިއްޔާތަށް ދިޔަ ސްކޫލްތަކުގެ ދަރިވަރުންނާއި މުދައްރިސުންނާއި ޝަރަފުވެރިން ވެސް ވަނީ ނަސްރުގެ މި ފަސާނާ ބަލާލައިފަ އެވެ. އެގޮތުން އެތަނަށް ޒިޔާރަތް ކުރި މީޙުން ނޮވެމްބަރު ތިނެއްގެ އުދުވާނާ ކުރިމަތިވި އެ ދުވަހާ ގުޅޭ ގޮތުން މައުލޫމާތު ސާފުކުރި އެވެ.
ހުޅުމާލެ ޕޮލިސް ސްޓޭޝަނުން ބުނިގޮތުގައި ސްކޫލްތަކުން ދިޔަ ދަރިވަރުން ނަސްރުގެ ދުވަހާ ގުޅޭ ގޮތުން ސުވާލުކުރުމުން އެ ކުދިންނަށް ޖަވާބުދީ ކަންކަން ސާފުކޮށްދީފައިވެ އެވެ. "ނަސްރުގެ ފަސާނާ" ތައްޔާރުކޮށްފައިވާ މާލަން އަންނަ ބުރާސްފަތި ދުވަހުގެ ރެއާ ހަމައަށް ހުޅުވާފައި ހުންނާނެ ކަމަށް ހުޅުމާލެ ޕޮލިސް ސްޓޭޝަނުން ބުނެ އެވެ.
ހުޅުމާލެ ޕޮލިސް ސްޓޭޝަނުން ބުނީ ސްކޫލްތަކުންނާއި އޮފީސްތަކުންނާއި އެހެނިހެން ފަރާތްތަކަށް ވެސް ކުރިޔަށް އޮތް ދުވަސްތަކުގައި "ނަސްރުގެ ފަސާނާ" ބަލައިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި މި ހަފުތާގެ ކުރިޔަށް އޮތް ދުވަސްތަކުގައި ހުޅުމާލެ ބައެއް ސްކޫލްތަކުން އެތަން ބަލައިލާ މައުލޫމާތު ހޯދާލަން މިހާރު ވެސް ވަގުތުތަކެއް ހަމަޖައްސާފައިވާ ކަމަށް ހުޅުމާލެ ޕޮލިސް ސްޓޭޝަނުން ބުނެ އެވެ.
			ގާޒާއަށް އެހީގެ ތަކެތި ވައްދަން ޔަހޫދީން ފުރުސަތު ނުދިން
		
			ކޮޅުވެއްޓި ހާދިސާގައި ސީރިއަސްވި ދިވެހި ޒުވާނާ ވެސް މަރުވެއްޖެ