ލ. ފޮނަދޫގައި 100 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުاللهގެ ދަރިކަނބަލުންނާއި އޭނާގެ އަނބިކަނބަލުންގެ ކުންފުންޏާ ހަވާލުކޮށްފި އެވެ.
ފޮނަދޫގައި 100 ހައުސިން ޔުނިޓު އެޅުމުގެ މަޝްރޫއު މިއަދު ހަވާލުކުރީ ވައިޓް ލިންކްސް ޕްރައިވެޓް ލިމިޓެޑާ އެވެ. އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 139،295،700ރ. އަށެވެ.
އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ރަޖިސްޓްރީ ޕޯޓަލް އިން އެނގޭ ގޮތުގައި ވައިޓް ލިންކްސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ އަބްދުއްރަހީމްގެ ދަރިކަނބަލުން، ފާތިމަތު ސަބާހާ އެވެ. އަނބިކަނބަލުން ދިޔާނާ ހުސައިން އަކީ އެ ކުންފުނީގެ ޑިރެކްޓަރެކެވެ.
ފޮނަދޫގައި ހުންނަ އަބްދުއްރަހީމްގެ ގެކޮޅު، އަރާއިރުގައި ހިންގާ އަރާފާ ޓްރޭޑާސް އާއި އަރާފާ ހާޑްވެއާ އަކީ ވައިޓް ލިންކްސް ކުންފުނީގެ ދަށުން ރެޖިސްޓްރީ ކޮށްފައިވާ ވިޔަފާރި ނަންތަކެވެ.
އެ ކުންފުނީގެ ދަށުން ހިންގާ އެހެން ވިޔަފާރިތަކުގެ ތެރޭގައި ފްރެޝް މާޓް، ވައިޓް ވިންޑް، ޓީ ޕޯޓް، ކެފޭ އިޒޯލާ އަދި އަރާފާ މާޓް ހިމެނެ އެވެ.
އެ ކުންފުންޏަކީ މީގެކުރިން އެފަދަ އެއްވެސް މަސައްކަތެއް ކުރި ކުންފުންޏެއް ނޫނެވެ. އެ ކުންފުނިން މީގެ ކުރިން ކޮށްފައި ވަނީ ގޭތެރޭގައި ހިފާގެންގުޅޭ ސާމާނު ހޯލްސޭލް ކުރުމާއި ހާޑްވެއާ އަދި ކާބޯތަކެތި ރީޓެއިލް ކުރުމާއި ބައެއްކަހަލަ މެޝިނަރީޒް ކުއްޔަށް ދިނުމުގެ މަސައްކަތެވެ.
ޖުމްލަ 206 މަޝްރޫއު އެކި ކުންފުނިތަކާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ އެކަމުގެ ސަބަބުން އަމިއްލަ ވިޔަފާރިތައް ކުރިއަރައިގެންދާނެ ކަމަށެވެ. ނަމަވެސް ކުރިއަރައިގެން މިދަނީ ސަރުކާރުގެ އެކި މަގާމްތަކުގައި ތިއްބެވި ބޭފުޅުންގެ ވިޔަފާރިތަކެވެ.
ޓްރީ ޓޮޕާއި މަޔޯ ކްލިނިކް ގުޅިގެން މެޑިކަލް ވޯކްޝޮޕްތަކެއް
އެޗްޑީސީން ޔާމީނަށް ވަޒީފާދޭން އަންގާފަ އޮއްވާ މަގާމު އުވާލައިފި
ހަފްތާއަކުން ބަރުދަނަށް ބަދަލު ގެނެވިދާނެތަ؟
