ބީލަމަށް ނުލައި ދިވެހި އަމިއްލަ ކުންފުނިތަކާ މިއަދު ހަވާލުކުރި 206 ޕީއެސްއައިޕީ މަޝްރޫއުތަކުގެ ހަރަދުވާ ޖުމްލަ 2.7 ބިލިއަން ރުފިޔާގެ ތެރެއިން 997.38 މިލިއަން ރުފިޔާ އަކީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ހަރަދުވާ ފައިސާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ބާސެލޯ ނަސަންދުރާ މާލޭގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި، ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން 206 މަޝްރޫއުގައި ދިވެހި އަމިއްލަ ކުންފުނިތަކާ ހަވާލުކުރި އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ 2.7 ބިލިއަން ރުފިޔާގެ އެ ޕޯޓްފޯލިއޯގައި ހިމެނެނީ އަތޮޅުތަކުގައި ހިންގާ ބޯހިޔާވަހިކަމާއި ތައުލީމާއި ސިއްހަތާއި ކުނި މެނޭޖްކުރުމާއި ކުޅިވަރު ވަސީލަތްތައް ތަރައްގީކުރުމާއި ފުލުހުންގެ އިންފްރާސްޓްރަކްޗާ އާއި މިސްކިތްތަކުގެ މަޝްރޫއުތައް ކަމަށެވެ. އެ މަޝްރޫއުތަކަށް ފައިސާ ފޯރުކޮށްދޭނީ އިންވެސްޓާ- ފައިނޭންސް މޮޑެލްގެ ދަށުން ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ބޯހިޔާވަހިކަމަށް ބިލިއަނެއްހައި ރުފިޔާ ހަރަދުވާނޭ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވާއިރު، ބީލަމަށް ނުލައި ބަހާލި 206 ޕްރޮޖެކްޓުތަކުގެ ތެރެއިން 658.7 މިލިއަން ރުފިޔާގެ ޕްރޮޖެކްޓު، ވެރިކަންކުރާ ޕީއެންސީ އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ ކުންފުނިތަކާ ވަނީ ހަވާލުކޮށްފަ އެވެ.

އެނގިފައިވާ ގޮތުގައި މަޖިލިސް މެންބަރުންގެ މަސްލަހަތު އޮތް ފަސް ކުންފުންޏަކަށް 14 މަޝްރޫއެއް މިއަދު ހަވާލުކުރި އެވެ.

އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ އަނބިކަނބަލުންގެ ނަމުގައި އޮތް ވައިޓް ލިންކްސް ޕްރައިވެޓް ލިމިޓެޑާއި، ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީގެ ދެ ކުންފުންޏެއް ކަމުގައިވާ ސްވިފްޓު އިންޖިނިއަރިން އަދި މިމްސް ކޮންސްޓަރަކްޝަން އާއި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު މައިނާ ސްޕޯޓްސް ފީލްޑް އަދި ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމްގެ އަލްޓެކް ހިމެނެ އެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަހީމްގެ މަސްލަހަތު އޮތް ވައިޓު ލިންކްސްއާ ހަވާލުކޮށްފައި ވަނީ ލ. ފޮނަދޫގައި 100 ހައުސިން ޔުނިޓު ގާއިމުކުރުމަށެވެ. އެ މަޝްރޫއުގެ އަގަކީ 139.2 މިލިއަން ރުފިޔާ އެވެ.

އަލްޓެކް ކުންފުންޏާ ހަތަރު މަޝްރޫއުއެއް ހަވާލުކޮށްފައި ވަނީ 285.7 މިލިއަން ރުފިޔާ އަށެވެ. އެއީ ދ. މީދޫގައި 25 ހައުސިން ޔުނިޓު، އއ. އުކުޅަސްގައި 50 ހައުސިން ޔުނިޓު އަދި ޅ. ނައިފަރުގައި 100 ހައުސިން ޔުނިޓު އެޅުމަށެވެ. އަދި ގުރައިދޫގައި ހުންނަ ހާއްސަ އެހީ އަށް ބޭނުންވާ މީހުންގެ މަރުކަޒު އަލުން ތަރައްގީކުރަން ވެސް ހަވާލުކުރީ އަލްޓެކާ އެވެ.

މިއަދު ބަހާލި 206 މަޝްރޫއުގެ ޖުމުލަ އަގަކީ 2.7 ބިލިއަން ރުފިޔާ އެވެ. އޭގެ ތެރެއިން ބޯހިޔާވަހިކަމާއި ބަނދަރު ތަރައްގީކުރުމުގެ 13 މަޝްރޫއުއަކަށް 997 މިލިއަން ރުފިޔާ އަރާއިރު، ތައުލީމީ ދާއިރާގެ 26 މަޝްރޫއު އަށް 397 މިލިއަން ރުފިޔާ، ސިއްހީ ދާއިރާގެ 30 މަޝްރޫއުއަކަށް 312 މިލިއަން ރުފިޔާ އަރަ އެވެ.

މަޝްރޫއުތަކުގެ އަދަދު އެންމެ ގިނައީ ކުޅިވަރާއި ހަށިހެޔޮކަމުގެ ދާއިރާގަ އެވެ. އެ ދާއިރާއިން ސޮއިކުރި 52 މަޝްރޫއުތަކުގެ އަގު 197 މިލިއަން ރުފިޔާއަށް އަރަ އެވެ.