"އެވާގޮތަކީ ރައީސްގެ އޮފު ކެނޑޭ ގޮތަށް ވަޒީރަކު ވިޔަސް ޕްރެސް ބާއްވައިގެން ކަމަކާ އުޅުން މި އޮންނަނީ މަނާވެފައި،" ސިޔާސީ ކަންކަމާ ތާއަބަދު އަނގަތަޅަމުން އެއް މޭޒުން އަނެއް މޭޒުން ކޮފީ ބޮމުންދާ ތުއްތުބެ ކޮފީއެއްގައި އިނދެ ބުންޏެވެ.

ރިޓަޔާމަންޓްގައި އުޅޭތީ މިހާރު ހަމަޖެހިލައިގެން މިގޮތަށް މިއަދު އުޅޭ ތުއްތުބެއަކީ ވެސް މަސައްކަތްތެރި މާޒީއަކަށްފަހު ތަޖުރިބާތަކަކާއި ވިސްނުންތަކެއް ހުރެގެން މި ހިސާބަށް އައިސްފައި ހުރި ހަރުކުލައިގެ މީހެކެވެ. އޭނާ ހަމަ ހުރެފައި ތާނކުންތާކު ނުޖެހޭ އެއްޗެއް ބުނެފާނެ ކަމަށް ގަބޫލު ނުކުރެވޭތީ މި ބުނި އެއްޗަކާ މެދު ވިސްނާލީމެވެ.

މި ސަރުކާރުގައި ކަމެއް ކުރަން ދަންނަ ވަޒީރަކު ނުހުރެ އެވެ. އަބަދުވެސް "ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅާއި އިރުޝާދުގެ މަތިން" ކުރާ ކަންކަމެވެ. އަދި ކަމެއް ކުރެވޭ މީހާ ވެސް ޕޯޑިއަމެއްގައި ރައީސް މުއިއްޒުގެ ނަންފުޅު ނުލައި އެ ކުރެވުނު ކަމެއްގެ ވާހަކަ ދައްކައިފި ނަމަ އެއީ ވާ ނުފުއްސަވާނެ ފާފައެއް ފަދަ ކުށަކަށް ވެ އެވެ.

މިއަދު ހޯމް ލޭންޑް މިނިސްޓަރު އަލީ އިހުސާން ކޮބައިތޯ ބަލާލަން ނޫހެއްގައި ފޮޓޯ ޖަހަން ޖެހޭ ހިސާބަށް ގޮސްގެން މިއުޅެނީ ގައުމުގައި ހިނގައިގެން އުޅޭ ބޮޑެތި ކަންތައްތަކާ ހެދި އެވެ. އެމްޕީއެލްގެ ބެލުމުގެ ދަށުގައި ހުރި ދެ ކޮންޓެއިނަރު ސިނގިރޭޓް ގެއްލުނީ އެވެ. ފަތުރުވެރިކަމަށް ބަރޯސާވެގެން ދުނިޔެ މަތީގެ ސުވަރުގޭގެ ޓެގް އަޅުވައިގެން އިސްތިހާރުކުރާ ދިވެހި ރާއްޖެއަށް ފަތުރުވެރިން ވަންނަ މައި ދޮރޯށީގައި ބިރެއް ނެތި ޑޭލައިޓް ރޮބަރީއެއް ހިންގާލީ އެވެ. މިއީ އޯޝަން އިލަވަންގެ މަންޒަރެއް ނޫނެވެ. ދިވެހި ރާއްޖޭގެ ހަގީގަތެވެ. މި ހާލަތަށް ދިޔައިރު ވެސް ގައުމުގެ ދާޚިލީ ވަޒީރު ނުފެނެ އެވެ. ވެރިކަމުގެ ކުރީކޮޅު ކުޑަ ދެ ކުއްޖަކު ކޯޅިލިޔަސް އެކަމާ ޕްރެސް ކޮންފަރެންސްބާއްވާ އުޅުއްވި ހޯމް ލޭންޑް މިނިސްޓަރު އިހުސާނުގެ ފަހުގެ ފޮޓޯއެއް ނޫނީ ވީޑިއޯއަކަށް ވުރެ ސޯޝަލް މީޑިއާގައި އިހުސާނު ކަމަށް ބުނެ ދައުރުކުރާ ހުސް ގަޔާ ހުންނަ މީހާގެ ފޮޓޯ ވެސް ގިނަ އެވެ.

ދެ ކޮންޓެއިނަރު ގެއްލިގެން އެކަމުގެ ބޮޑުންނޭ ކިޔައިގެން ބަޔަކު ހައްޔަރުކުރިއިރު ވެސް އިހުސާނު އުޅުއްވީ އައްޑޫ ބައިބައި ކުރަން ވޯޓުގައި ނެންގެވި ކޮޅު މޮޅު ކުރެއްވޭތޯ ރަށުކޮޅުގައި ބަނޑަހަ ޖަހައިގެންނެވެ. އެ ވޯޓުގައި އިހުސާނުގެ ދެ ބަފައިން ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ހިތި ނަތީޖާއަށްފަހު ވެސް ރަސްމީ މަސައްކަތާ ގުޅޭގޮތުން އިހުސާނުގެ ހަމަ ހިލަމެއް ވެސް ނެތެވެ. އެއާޕޯޓުން ޑޮލަރު ފޭރުނު މީހުން ކަމަށް ތުހުމަތުވާ މީހުން ހައްޔަރު ކުރެވުނަސް އެ ޑޮލަރުތަތަކެއް ވެސް އަދިއެއް ހޯދިފައެއް ނުވެ އެވެ. އެ ކަމާ ގުޅިގެން ވެސް އިހުސާނަށް ހަމަ ބަހެއް ވެސް ވިދާޅުވާކަށް ކެރިވަޑައެއް ނުގަތެވެ. ވެރިކަމުގެ ކުރީކޮޅު އެންމެ ފާޓުފުޅާކޮށް އުޅުއްވި ވަޒީރު ރައީސުލް ޖުމްހޫރިއްޔާގެ އޮފު ކެނޑޭނެ ފަދަ ކަމެއް ނުކުރައްވަން ވެގެން ނަމަވެސް މިއަދަކު މިއިން ކަމަކާ ނޫޅުއްވާ ކަމީ ސާފުކޮށް އެނގެން އޮތް ކަމެކެވެ.