ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ 72 ޕަސެންޓް މަސައްކަތް ނިންމީ ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ކަމަަށް އެ އެއާޕޯޓް ހިންގަމުންދާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު، އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެ އެވެ.

ހަނިމާދޫ އެއާޕޯޓް ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތްއިރު، އެ އެއާޕޯޓްގެ ނިމިފައި ހުރީ 28 އާއި 30 ޕަސެންޓާ ދެމެދުގެ މަސައްކަތް ކަމަށެވެ.

"މި މަސައްކަތަކީ މި ސަރުކާރު އައިއިރު، ގާތްގަނޑަކަށް %28 އާއި %30 އާ ދެމެދަށް ކޮމްޕްލީޓް ވެފައި ހުރި މަސައްކަތެއް. ތަފާތު މީހުން ތަފާތު ގޮތްގޮތުގައި ދެކިދާނެ، އެކަމަކު މިވަރު ބޮޑު ފެސިލިޓީއެއް ހަދާއިރު، އެ ފެސިލިޓީ ހިންގުމަށް ބޭނުންވާ ހުރިހާ ކަމެއް އެއީ ޕްރޮޖްކްޓްގެ ކަންތައްތައް،". ޝަރީފް ވިދާޅުވި އެވެ.

ނުނިމިހުރި ހުރިހާ މަސައްކަތެއް މިހާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ކުރުމަށް ބާރު އަޅުއްވާ ދެއްވާ، އެހީތެރިވެދެއްވީތީ އޭނާ ވަނީ ރައީސް މުއިއްޒަށް ޝުކުރު ދަންނަވާފަ އެވެ.

ޝަރީފް ވަނީ އެ މަސައްކަތުގައި އެހީތެރިވެދިން ބައެއް ފަރާތްތަކަށް ޝުކުރު އަދާކުރައްވާފަ އެވެ.

"މި ބިޔަ މަސައްކަތުގެ ޝުކުރު ހައްގު ވަނީ ކުނި ކަހާ މީހާއިން ފެށިގެން، ރެއާ ދުވާލު ގަދައަވީގައި، ވެހާހާ ވާރޭގައި ދޭހާ އަތްވެފައި މި ހުވަފެން ހަގީގަތަަކަށް ހެދުމަށްޓަކައި މަސައްކަތް ކުރި ކޮންމެ މުވައްޒިފެއް، އެންމެ މުވައްޒަފުންނަށް ޝުކުރިއްޔާ، ރޭވުންތެރިކަމާއި ހިންގުންތެރިކަމުގައި ހަނިމާދޫ ވައިގެ ބަނދަރު އޭގެ އަސްލަށް ގެނެސްދެއްވުމަށް އޭގެ ބުރަ މަސައްކަތް އަޅުގަނޑާއެކު ކުރެއްވި ދެ ޑެޕިޔުޓީ މެނޭޖިންގ ޑިރެކްޓަރުންނަށް ޝުކުރު ދަންނަވަން،" ޝަރީފް ވިދާޅުވި އެވެ.

އިންޑިއާގެ އެގްޒިމް ބޭންކުގެ 2.1 ބިލިއަން ރުފިޔާގެ ލޯނެއްގެ ދަށުން ކުރިއަށް ގެންދާ އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ ޖެނުއަރީ 18، 2023 ގަ އެވެ. އެ މަސައްކަތް ކުރަނީ އިންޑިއާގެ ބޮޑު އިންފްރާސްޓްރަކްޗާ ކުންފުންޏެއް ކަމަށްވާ ޖޭއެމްސީ އެކްސްޕޯޓްސް އިންނެވެ.

ދެ ބުރީގެ އެ ޓާމިނަލުން އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ އެވެ. ޓާމިނަލް ޑިޒައިންކޮށްފައި ވަނީ މަޑިއެއްގެ ބައްޓަމަށެވެ.

މި މަޝްރޫއުގެ ދަށުން ހަނިމާދޫ އެއާޕޯޓްގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއެއް ވަނީ ތަރައްގީކޮށްފަ އެވެ. އަދި މިމަޝްރޫއު ނިމުމުން އެއާބަސް A320 އާއި ބޯއިން 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއާޕޯޓުން ހިދުމަތް ދެވޭނެ އެވެ.