މިއަދުގެ ޒަމާނުގައި އަތުކުރީގައި ގަޑިއެއް ނޯންނަ މީހަކު މަދުވާނެ އެވެ. މިއީ ބޭނުންތެރި ކަމެއްގެ އިތުރުން ފެޝަން ސްޓޭޓްމަންޓްއަކަށް ވެސް އޮންނަނީ ވެފަ އެވެ.

ބަލާބެލުމަށް އަތުކުރީ ގަޑިއަކީ މާ ހާއްސަ އެއްޗަކަށް ނުވިނަމަވެސް ބައެއް ގަޑިތައް އުފެއްދި ގޮތަށް ވިސްނާލުމުން އެއީ އެހެން ގަޑިތަކަށްވުރެ ހާއްސަ ގަޑިތަކެއްކަން އެނގެ އެވެ.

އެގޮތުން އެމެރިކާގެ ކުންފުންޏެއް ކަމަށްވާ ކޮލް އެންޑް މެކް އާތާސްއިން އެންމެ ފަހުން ބާޒާރަށް ނެރުނު ގަޑިތަކަކީ އެއަށް ހާއްސަ ސިފައެއް ލިބިގެންވާ ގަޑިތަކެކެވެ.

އެ ގަޑިތަކަކީ ދެވަނަ ބޮޑު ހަނގުރާމައިގައި އެެމެރިކާގެ ސިފައިން ބޭނުންކުރި ހެލްމެޓްތަކުން އުފައްދާފައިވާ ގަޑިތަކެކެވެ. މި ގަޑިތަކުގައި ބޭނުން ކުރެވިފައިވާ ކަމަރަކީ އެމެރިކާ ސިފައިންގެ ދަލާއި ލޭގެ ނިޝާނެކެވެ.

އެ ކުންފުނީގެ ސީއީއޯ ސެބޭސްޓިއަން ކޮލްސެން ބުނީ އެ މޮޑެލްގެ ގަޑިތައް ބާޒާރުގައި ބާރަށް ވިކެނީ އެއިން ވަގުތު ބުނެދޭތީ ނޫން ކަމަށެވެ.

އެހެނެއް ކަމަކު އެއީ ތާރީހުގެ ހިއްސާއެއް ކަމަށާއި އެއިން ކިޔައިދެނީ ތާރީހުގެ އެތައް ސަފްހާއެއް ކަމަށް ވެސް ސެބޭސްޓިއަން ބުނެފައިވެ އެވެ.

މި ގަޑިތަކުގައި އެމެރިކާ ސިފައިންގެ ހެލްމެޓްގެ އިތުރުން ނޯމަންޑީގެ ވެއްޔާއި އެހެނިހެން ތާރީހާ ގުޅުންހުރި ތަކެތި ވެސް ބޭނުން ކުރެވިފައިވެ އެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މި ގަޑިތަކުގެ ފެށޭ އަގަކީ 1749 އެމެރިކާ ޑޮލަރެވެ. މިއީ ފެޝަން ސްޓޭޓްމަންޓެއްގެ ގޮތުގައި ބެލެވޭ ލަގްޒަރީ ބްރޭންޑެކެވެ.