ރާއްޖޭގެ ވިޔަފާރިތަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އާ ފައިނޭންސިން ފެސިލިޓީއެއް ތައާރަފުކޮށް، ބީއެމްއެލް ކާޑު މެޝިންތަކުގައި ބޭނުންކުރާ ހުރިހާ ބީއެމްއެލް ޑެބިޓް ކާޑުތަކުން ނަގާ މާޗަންޓް ޑިސްކައުންޓް ރޭޓް (އެމްޑީއާރު) އެއް ޕަސެންޓަށް ކުޑަކޮށްފި އެވެ.

މިއީ ބޭންކުގެ 43 ވަނަ އަހަރީ ދުވަހާ ދިމާކޮށް ގެނައި ހެޔޮ ބަދަލުތަކުގެ ތެރެއިން އެއް ބަދަލު ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ބޭންކިން ހިދުމަތް ދޭ ބީއެމްއެލް އިން ބުނީ މިއީ ރާއްޖޭގެ އިގްތިސާދު ކުރިއަރުވައި، މާލީ ގޮތުން ވީހާ ވެސް ގިނަ ބަޔަކު ބާރުވެރިކުރުމަށް ބީއެމްއެލްއިން ދެމެހެއްޓެނިވި ގޮތެއްގައި ކުރަމުންދާ މަސައްކަތަށް އިތުރުވި ބޮޅެއް ކަމަށެވެ.

އެމްޑީއާރު ނުވަތަ މާޗަންޓް ޑިސްކައުންޓް ރޭޓަކީ، ބީއެމްއެލްގެ ކާޑު މެޝިންތަކުގައި ކާޑު މެދުވެރިކޮށް ފައިސާ ބަލައިގަތުމަށްޓަކައި ބޭންކުން ވިޔަފާރިވެރިންގެ އަތުން ނަގާ ކޮމިޝަނެވެ. ބީއެމްއެލް އިން ޑެބިޓް ކާޑުގެ ހިދުމަތް 2000 ވަނަ އަހަރު ތަޢާރަފުކުރި ފަހުން މިހާތަނަށް ވެސް މި ރޭޓް ދެމެހެއްޓިފައި އޮތީ 2.5 ޕަސެންޓްގެ ސްޓޭންޑަޑް ރޭޓެއްގަ އެވެ. މިއީ މި ރޭޓު ކުޑަކުރި ފުރަތަމަ ފަހަރެވެ. މިއީ މިހާރު ބީއެމްއެލްގެ ޕޭމަންޓް ހިދުމަތްތައް ބޭނުންކުރާ 7,000 އަށް ވުރެ ގިނަ ވިޔަފާރިވެރިންނަށް މިކަމުގެ ސީދާ ފައިދާކުރާނެ މުހިންމު ބަދަލެއް ކަމަށް އެ ބޭންކުން ބުނެ އެވެ.

ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ ބޭންކުގެ ކާމިޔާބީ އާއި ބޭންކުގެ ވިޔަފާރި ކަސްޓަމަރުންގެ ކާމިޔާބީއާ ބޮޑު ގުޅުމެއް އޮންނަ ކަމަށެވެ.

"އެހެންކަމުން އަހަރީ ދުވަހާ ދިމާކޮށް މުޅި ރާއްޖޭގެ ވިޔަފާރިތަކަށް ޚަރަދުތައް ކުޑަކޮށް، ފައިނޭންސަށް ފަސޭހައިން ވާސިލުވުމަށް މަގުފަހިކޮށްދިނުމަށް މި އެޅުނު ފިޔަވަޅާ މެދު އަޅުގަނޑުމެން ވަރަށް ބޮޑަށް ފަހުރުވެރިވަން. މާޗަންޓް ފީ އެއް ޕަސެންޓަށް ކުޑަކުރުމަކީ ބޮޑު ބަދަލެއް. މި ބަދަލުގެ ސަބަބުން އެތައް ހާސް ވިޔަފާރިއަކަށް ބޮޑު ފައިދާއެއް ކުރާނެކަމަށް އަޅުގަނޑުމެން ގަބޫލުކުރަން،" ޝަރީފް ވިދާޅުވި އެވެ.

އެމްޑީއާރު ކުޑަކުރުމުގެ އިތުރުން، ބީއެމްއެލް އިން ވަނީ ބޭންކުގެ ވިޔަފާރި ކަސްޓަމަރުންނަށް މާލީ ގޮތުން އިތުރު ލުއިފަސޭހަތަކެއް ފޯރުކޮށްދިނުމަށް އާ އެޑްވާންސް މާޗަންޓް ސެޓްލްމަންޓް ފެސިލިޓީއެއް ތަޢާރަފުކޮށްފަ އެވެ. ރަހުނަކާ ނުލައި ދޫކުރާ މި އެޑްވާންސް ސެޓްލްމަންޓް ފެސިލިޓީގެ ދަށުން، ވިޔަފާރިތަކަށް އެ ވިޔަފާރިއަކުން ފާއިތުވި ހަ މަސް ދުވަހު ބީއެމްއެލް ކާޑު މެޝިނުން ވިޔަފާރިކޮށްފައިވާ މިންވަރަށް ބަލައި، ދެ މިލިއަން ރުފިޔާއާ ހަމައަށް އަވަސް ގޮތެއްގައި ފައިސާ ލިބޭނެ އެވެ. މި ފައިސާ އަނބުރާ ދެއްކުމަށް ހަމަޖެހިފައި ވަނީ މުސްތަގުބަލުގައި އެ ވިޔަފާރިއަކަށް ކޮންމެ ދުވަހެއްގެ މައްޗަށް ލިބޭ އާމްދަނީއަށް ބަލައި ފަސޭހަ އުސޫލަކުން ކަނޑާލެވޭ ގޮތަށެވެ.

ވިޔަފާރިތަކަށް އަމާޒުކޮށްފައިވާ މި ބަދަލުތަކުގެ އިތުރުން، ބޭންކުން ވަނީ ޑެބިޓް ކާޑުން ރާއްޖޭން ބޭރުގައި ފައިސާދެއްކުމަށް ކަނޑައަޅާފައިވާ ލިމިޓް އިތުރުކޮށްފަ އެވެ. ކާޑު މެޝިނުން ކުރާ މުއާމަލާތްތަކަށް މަހަކު 1,000 ޑޮލަރަށް މި ލިމިޓް އިތުރުކޮށްފައިވާއިރު، މި ބަދަލަށް އަމަލުކުރަން ފަށާނީ މާދަމާ އިން ފެށިގެންނެވެ. އަދި ބޭސްފަރުވާގެ ބޭނުމަށާއި ދަތުރުފަތުރުގެ ބޭނުމަށް ބޭރުގައި ހަރަދުކުރެވޭ މިންވަރު ވެސް ވަނީ މަހަކު 3,000 ޑޮލަރަށް އިތުރުކޮށްފަ އެވެ. ކަސްޓަމަރުންނަށް އިތުރު އެއްވެސް އެޕްލިކޭޝަނަކާ ނުލައި މި އާ ލިމިޓްތައް ވަގުތުން ބޭނުންކުރަން ފެށޭނެ އެވެ.

"ބޭންކުގެ ޚިދުމަތް ހޯދާ ފަރުދުންނާއި ވިޔަފާރިތަކަށް ވެސް އަމާޒުކޮށްފައިވާ މި ފިޔަވަޅުތަކުން ދައްކުވައި ދެނީ، ގައުމީ ހިދުމަތުގައި 43 އަހަރު ހޭދަކޮށްފައިވާ ބީއެމްއެލް އަކީ ހުރިހާ ދާއިރާއެއްގެ ދިވެހިންނަށް ވެސް އެހީތެރިވެ، ރާއްޖޭގެ ވިޔަފާރިތައް ހަރުދަނާ ކުރުމަށް ބޮޑު އިސްކަމެއް ދޭ ތަނެއް ކަން،" އެ ބޭންކުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.