ތައުލީމީ ދާއިރާގައި ހައްދުފަހަނައަޅައި ދިއުމުގެ މައްސަލަ ހައްލުކުރުމަށް ދަ އިސްލާމިކް މިލިޓަރީ ކައުންޓާ ޓެރަރިޒަމް ކޯލިޝަން (އައިއެމްސީޓީސީ) އިން ރާއްޖޭގައި ހާއްސަ ތަމްރީން ޕްރޮގްރާމެއް ބާއްވައިފި އެވެ.

'ތައުލީމީ މާހައުލުގައި ހައްދުފަހަނަޅައި ދިއުމުގެ މައްސަލަ ހައްލުކުރުން - އަމަލީ މިސާލުތައް' މި ނަމުގައި ރާއްޖޭގެ އުތުރުގައި އިއްޔެ ބޭއްވި މި ތަމްރީން ޕްރޮގްރާމުގައި ތައުލީމީ ދާއިރާގެ އެކި މުއައްސަސާތަކުން 22 ބައިވެރިން ބައިވެރިވި އެވެ.

ތައުލީމާއި ފިކުރުގެ ދާއިރާގެ މާހިރުން ސެޝަންތައް ނަންގަވައިދެއްވި މި ތަމްރީން ޕްރޮގްރާމުގެ މަގުސަދަކީ ތައުލީމީ ނިޒާމުގެ ތެރޭގައި ހައްދުފަހަނަޅައި ދިއުމުގެ ނުރައްކާތަކާމެދު ހޭލުންތެރިކަން އިތުރުކުރުމާއި ޒުވާނުންގެ މެދުގައި ހައްދުފަހަނަޅައި ދިއުމަށް މެދުވެރިވާ އާންމު ސަބަބުތައް އިލްމީ އަދި އަމަލީ ތަޖުރިބާގެ އަލީގައި ދެނެގަނެ، އެކަމަށް ހައްލު ހޯދުމަށް ބޭނުންވާ އިލްމާއި ވަސީލަތްތައް ތައުލީމީ މާހިރުންނަށް ފޯރުކޮށްދިނުމެވެ.

އެގޮތުން ތަމްރީން ޕްރޮގްރާމުގައި ފިކުރީ ހައްދުފަހަނައަޅައި ދިއުން ދެނެގަނެ, އެކަންކަން ހައްލުކުރާނެ ގޮތްތަކާއި ކެތްތެރިކަމާއެކު އެކުގައި އުޅެވޭނެ ރައްކާތެރި މާހައުލެއް ބިނާކުރުމާއި ގުޅޭ ގޮތުން ވަނީ ބައިވެރިންނަށް މައުލޫމާތު ހިއްސާކޮށްފައިވެ އެވެ.

މި ތަމްރީން ޕްރޮގްރާމަކީ އައިއެމްސީޓީސީގެ މެމްބަރު ގައުމުތަކުގެ މެދުގައި ޓެރަރިޒަމްއާއި ހައްދުފަހަނައެޅުމާ ދެކޮޅަށް ހޭލުންތެރިކަން އުފެއްދުމާއި އެކަންކަމާ ދެކޮޅަށް މީޑިއާތަކާއި އަސްކަރީ އަދި މާލީ ދާއިރާތަކުން ކުރާ މަސައްކަތްތަކަށް އެހީތެރިވުމުގެ އިތުރުން، ހައްދުފަހަނަޅާފައިވާ ފިކުރުތަކާ ކުރިމަތިލުމުގައި ހުރިހާ ދާއިރާތަކެއް ގުޅިގެން މަސައްކަތްކުރުން އިތުރުކުރުމަށް އައިއެމްސީޓީސީން ކުރާ މަސައްކަތުގެ ތެރެއިން "ޕްރިވެންޝަން" އިނީޝިއޭޓިވްގެ ދަށުން ބޭއްވި ޕްރޮގްރާމެކެވެ.