ރައްކާތެރިކަން ކަށަވަރު ނުކޮށް ފެނަކަ ކޯޕަރޭޝަނުން ފުވައްމުލައް ސިޓީގެ ގެތަކަށް ފެން ފޯރުކޮށްދޭން ފަށައިފި އެވެ.
ފުވައްމުލަކު ސިޓީ ކައުންސިލުން ވަނީ ފެނަކަ ކޯޕަރޭޝަނާ ބައްދަލުކުރުމަށްފަހު ދެކެވުނު ވާހަކަތައް ބަލާއިރު، އެ ރަށުގެ ފެނުގެ ރައްކާތެރިކަން ކަށަވަރު ނޫން ކަމަށް ބުނެފަ އެވެ. އެހެންވެ، އެ ކައުންސިލުން ވަނީ ރައްކާތެރިކަން ކަށަވަރު ކުރެވެންދެން ފެން ދޫނުކުރަން އެދިފަ އެވެ.
ނަމަވެސް ފެނަކަ ކޯޕަރޭޝަނުން ވަނީ ކައުންސިލްގެ އެދުމަށް ބީރުކަންފަތެއް ދީ އެ ރަށުގެ ގެތަކަށް ރައްކާތެރިކަން ކަށަވަރުނުވާ ފެން ދޫކުރަން ފަށާފަ އެވެ.
ސިޓީ ކައުންސިލްގެ ބަޔާނުގައި ބުނެފައި ވަނީ "ނަމަވެސް މިހާރު ދޫކުރާ ފެނަކީ ރައްކާތެރި ފެންކަން ޔަގީންވާ ފަދަ ޓެސްޓްތަކުގެ ނަތީޖާ ލިބި ފެނުގެ ރައްކާތެރިކަން ފުރިހަމައަށް ކަށަވަރުވަންދެން އާއްމު ބޭނުމަށް ދޫނުކުރުމަށް ކައުންސިލުން އެދިފައިވާނެ" ކަމަށެވެ.
ފުވައްމުލަކަށް ދިމާވެފައިވާ ފެނުގެ މައްސަލަ ހައްލުވެފައިވާ ކަމަށް ބުނެ ފެން ދޫކުރަން ފެނަކަ އިން މިއަދު ނިންމި އެވެ. އަދި އެ ފެން ރަށުގެ ބައެއް ހިސާބުތަކަށް ފޯރުކޮށްދޭ ކަމަށް އެނގިފައިވެ އެވެ.
ފުވައްމުލަކަށް ފެނުގެ މައްސަލަ ދިމާވިތާ ތިން ދުވަސް މިހާރު ވަނީ ވެފަ އެވެ. އެ ރަށުގެ ފެން ތަޣައްޔަރުވެފައި ވާތީ އެމްއެފްޑީއޭ އާއި އެޗްޕީއޭގެ ލަފާގެ މަތިން ފެނަކައިން ވަނީ މުޅި ފެނުގެ ސިސްޓަމަށް ކްލޮރިން އަޅާފަ އެވެ.
ފެނަކަ ކޯޕަރޭޝަނުން ފެން ދޫކުރަން ނިންމިއިރު، އެ ރަށުގައި ފެން އުފެއްދުމަށް ބޭނުންކުރާ ބޯހޯލްގައި ދަބަރު ޖަހާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އޭގެ އިތުރުން ޕްލާންޓުން އުފައްދާ ފެނުގައި ވެސް ދަބަރުގެ އަސަރު ހުންނަކަން ފާހަގަވެގެން އެކަމާ އެތައް ބަޔަކު ޝަކުވާކުރިޔަސް މިއިން އެއްވެސް ކަމަކާ މިހާތަނަށް ފެނަކައިން ކަންބޮޑުވެގެން އެކަން ހައްލުކުރަން އެއްވެސް މަސައްކަތެއް ނުކުރެ އެވެ.
އެ ރަށަށް ބޯފެނުގެ ދަތިކަން ވެސް ކުރިމަތިވެފައި ވާތީ މޯލްޑިވިއަންގެ ފްލައިޓްގައި ކޮންމެ ދުވަހަކު ފެން ކޭސް ބަހަމުން ގެންދެ އެވެ.
މަޝްރޫއުތައް ކުރިއަށް ގެންދާނީ ރައްޔިތުން ބޭނުންވާ ގޮތަށް: ރައީސް
ޕީއެންސީގެ ޖަލްސާ އޮތުމުން ސަލަފުގެ ދަރުސް ފަސްކޮށްފި
މާފަރު އެއާޕޯޓްގެ ޓާމިނަލް ބޮޑުކުރަން ޗައިނާގެ ކުންފުންޏަކަށް
