މާލެ ވިޔަފާރި ބަނދަރުގައި ބަހައްޓާ ކޮންޓެއިނަރު ސްކޭނަރު ގަތުމަށް 51 މިލިއަން ރުފިޔާ ބޭނުންވާނެ ކަމަށް ކަސްޓަމްސް އިން އިއްޔެ ބުނެފި އެވެ.
މާލެ ވިޔަފާރި ބަނދަރުގެ ކަންކަން މިހާރަށް ވުރެ ހަރުދަނާކުރުމަށް ކޮންޓެއިނަރު ސްކޭނާ ހަރުކުރުމުގެ އިންތިޒާމުތަކާ ގުޅޭ ގޮތުން ސުވާލުކުރުމަށް ބަޖެޓު ދިސާރާ ކުރާ ކޮމިޓީން އާދިއްތަ ދުވަހު ވަނީ، ކަސްޓަމްސްއާއި އެމްޕީއެލްގެ އިސްވެރިންނާ ބައްދަލުކޮށްފަ އެވެ.
މި ކޮމިޓީ ބައްދަލުވުމަށް ހާޒިރުކުރީ ކަސްޓަމްސް އާއި އެމްޕީއެލްގެ އިސް އޮފިޝަލުންނެވެ.
ކޮމިޓީގައި ވާހަކަދައްކަވަމުން ކަސްޓަމްސްގެ ޗީފް ސްޕްރިންޓެންޑެންޓް އަބްދުﷲ އަލީ ވިދާޅުވީ، އެ މުއައްސަސާއިން ފުރަތަމަ ވެސް މިކަމަށް ހަރަދުވާނެ ކަމަށް އަންދާޒާކުރީ 51 މިލިއަން ރުފިޔާ ކަމަށެވެ. އޭގެ ބަދަލުގައި އެންމެ 15 މިލިއަން ރުފިޔާ ދޭން ނިންމައި، އެގޮތަށް ރިކުއެސްޓް ކުރުމަށް އެދުނީ ފިނޭންސް މިނިސްޓްރީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ދެން އަޅުގަނޑުމެން މިނިސްޓްރީގަ ދެންނެވީ ފުލް އެމައުންޓު ނުލިބި ކިހިނެތްހޭ މި ޕްރޮސެސް ކުރިއަށް ގެންދާނީ. ހަމައެކަނި 15 މިލިއަން ރުފިޔާ ލިބިގެން އެކަމެއް ކުރިއަކަށް ނުގެންދެވޭނޭ. އެއީ އެކަން ވެފަ އިން ގޮތަކީ،" އަބްދުﷲ ވިދާޅުވި އެވެ.
ނަމަވެސް ފިނޭންސް މިނިސްޓްރީން މިކަމުގައި މައުލޫމާތު ދިނީ އެހެން ގޮތަކަށެވެ. އެ މިނިސްޓްރީން ބުނީ ކޮންޓޭނަރު ސްކޭނަރު ހަރުކުރަން ކަސްޓަމްސް އިން ފުރަތަމަ އެދުނީ 15 މިލިއަން ރުފިޔާއަށް ކަމަށެވެ. އެ ފައިސާ ދޭން ހަމަޖެއްސީ މި އަހަރުގެ ބަޖެޓުންނެވެ.
އެ އަދަދު ސިސްޓަމުގެ ތެރެއިން ރިކުއެސްޓް ކުރަން އެދުމުން ކަސްޓަމުން އެކަން ކޮށްފައިނުވާ ކަމަށާއި 51 މިލިއަން ހަރަދުވާނެ ކަމަށް ބުނެ އެ އަދަދު އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިދޭން ކަސްޓަމްސް އިން އެދުނީ ފަހުން ކަމަށް މިނިސްޓަރީން ބުނެ އެވެ.
ކަސްޓަމްސް އިން ފައިސާގެ ވާހަކަ ދެއްކުމުން ބަޖެޓު ކޮމިޓީގެ މުގައްރިރު އަހުމަދު ސަލީމު ވަނީ 15 މިލިއަންގެ އިތުރުން ބޭނުންވާ ފައިސާ ހަމަޖައްސައިދޭނެ ކަމުގެ ޔަގީންކަން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ދެއްވި ކަމަށް ވިދާޅުވެފަ އެވެ.
އެ ވާހަކައަށް ފަހު، އެޕްޕީއެލް އިން ވާހަކަދެއްކެވި އޮފިޝަލަކު ވިދާޅުވީ، ސްކޭނަރު ބަހައްޓަން ބޭނުންވާނެ ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް އެބައޮތް ކަމަށެވެ.
އެ ކުންފުނިން މިހާރު ބަލަނީ މޮބައިލް ސޮލިއުޝަންއަކަށްކަން ފާހަގަކުރައްވައި، އޭނާ ވަނީ އޭރަށް ރައްކާތެރިކޮށް، ބޭނުން ތަނަކަށް މެޝިނު ބަދަލުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.
އިތުރަށް އޭނާ ވިދާޅުވީ، އެމްޕީއެލްއިން ތިލަފުށީގައި ހަދާ ވިޔަފާރި ބަނދަރަށް ބަދަލުވުމުން، އެތަނުގައި އެންމެ ޒަމާނީ ރަނގަޅު ސިސްޓަމެއް ހުންނާނެ ކަމަށާއި ސްކޭނަރު ގަނެވޭ ވަރަށް މި ވަގުތު އެކުންފުނީގައި ބަޖެޓެއް ނެތް ކަމަށެވެ. އެ ސްކޭނަރު ގަތުމަށް ގާތްގަނޑަކަށް ތިނެއް ނުވަތަ ހަތަރު ވަރަކަށް މިލިއަން ޑޮލަރު ވަރު ހަރަދުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެވާހަކައަށް އިޝާރާތްކުރައްވައި، ސަލީމް ވިދާޅުވީ، ކޮންޓެއިނަރު ސްކޭން ކުރާ މެޝިނު ގަތުމަކީ މިހާރުން މިހާރަށް އަޅަން ޖެހޭ ފިޔަވަޅެއް ކަމަށެވެ. އެ ކަން ފަސްކުރެވެން ނެތް ކަމަށް ވިދާޅުވެ، ސަލީމް ވަނީ، ބިޑު ކުރެވޭނެ ދުވަހެއް އެންގުމުން ބާކީ ފައިސާ ހޯދަން މިނިސްޓަރާ ވާހަކަދައްކައިގެން މަސައްކަތް ކޮށްދޭނެ ކަމަށް ވިދާޅުވެފަ އެވެ.
ފާހަގަކުރެވޭ ގޮތުގައި، ރާއްޖޭގެ އެއްވެސް ޕޯޓެއްގައި ކޮންޓެއިނަރު ސްކޭން ކުރެވޭނެ ވަސީލަތެއް ގާއިމުވެފައި ނެތް ކަން އޮޑިޓް ރިޕޯޓުތަކަކުން ވަނީ ދައްކާފަ އެވެ.
މިކަމުގެ ސަބަބުން، ބަނދަރުތަކުގައި މުދާ ބާލާ ފާސްކުރާއިރު ގިނަ މުދާތައް ފާސްކުރަންޖެހެނީ ސްކޭން ނުކޮށް ކަމަށްވެސް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.
ކަސްޓަމްސް އިން ދެން ފާހަގަކުރި މައިގަނޑު ކަންބޮޑުވުމަކީ ޖާގައިގެ ދަތިކަމެވެ. އެގޮތުން ކޮންޓޭނާ ސްކޭނަރު ބަހައްޓަން 10 މީޓަރުގެ ޖާގައެއް ބޭނުންވާ ކަމަށާއި ސްކޭނަރުގެ ރޭޑިއޭޝަން އިން ސަލާމަތްވުމަށް 50 މީޓަރުގެ ޖާގައެއް ބޭނުންވާކަން ކަސްޓަމްސް އިން ފާހަގަކުރި އެވެ. ނަމަވެސް، 10 މީޓަރުގައި ލެޑް އިންސިއުލޭޓެޑް ފާރެއް ބެހެއްޓުމުން 50 މީޓަރުގެ ޖާގަ ބޭނުންނުވާނެ ކަން ކަސްޓަމްސް އިން ވަނީ ފާހަގަކޮށްފަ އެވެ.
ގިނަ މަޝްވަރާތަކަކަށްފަހު ބޭނުންވާ ޖާގަ ދެވޭނެ ކަމަށް ކަސްޓަމްސް އަށް އެމްޕީއެލް އިން މިހާރު އަންގާފައިވާ ކަމަށް ވެސް ކަސްޓަމްސް އިން މިއަދުގެ ކޮމިޓީގައި ބުންޏެވެ. ކޮންޓެއިނަރު ސްކޭން ކުރަން މިހާތަނަށް އެކުލަވާލާފައިވަނީ ދެ ޕްލޭނެކެވެ. އެއީ ބެލްޓެއްގެ މަތިން ކޮންޓެއިނަރު ދުއްވުން ނުވަތަ ކޮންޓެއިނަރު އުފުލާ ލޮރީ ނުވަތަ އުޅަނދު ސްކޭން ތެރެއިން ދަތުރުކުރުމެވެ.
މި ގޮތަށް ކޮންމެ މިނެޓަކުން ތިން ކޮންޓޭނަރު ސްކޭން ކުރެވޭނެ ކަމަށާއި ދުވާލެއްގެ މައްޗަށް މާލޭ ބަނދަރުން ކޮންޓެއިނަރު ބޭރުކުރާ މިންވަރާ ބަލާއިރު މިއީ ރަނގަޅު ސްޕީޑެއްކަން ކަސްޓަމްސް އިން ފާހަގަކުރި އެވެ.
ކަސްޓަމްސް އިން އިތުރަށް ފާހަގަކުރި ކަންކަމުގެ ތެރޭގައި ސްކޭނަރުގެ މެއިންޓެނަންސް އަށް އަހަރަކު ލައްކައެއް ނުވަތަ ދެ ލައްކަ ޑޮލަރު ހަރަދުވާނެ އެވެ. ނަމަވެސް، އެ އަދަދަށްވުރެ އެތައް ގުނައެއް އިތުރަށް ސްކޭނަރު ބޭނުންކޮށްގެން އާމްދަނީ ހޯދޭނެ ކަމަށް ކަސްޓަމުން ފާހަގަކޮށްފައިވެ އެވެ.
އެގޮތުން، ސްކޭނަކަށް 1،000ރ، ގެ މަގުން ފައިސާ ނަގައިފިނަމަ އަހަރަކު މިހާރު ކްލިއާ ކުރާ 60،000 އެއްހާ ކޮންޓޭނަރުން 60 މިލިއަނެއްހާ ރުފިޔާގެ އާމްދަނީ އެއް ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ވެސް ކަސްޓަމްސް އިން ފާހަގަކުރި އެވެ.
ކަސްޓަމްސްއިން ކޮންޓެއިނަރު ސްކޭނަރެއް ގެންނަން އުޅޭއިރު، ކަސްޓަމްސްއިން ހިފެހެއްޓުމަށް ފަހު އެމްޕީއެލްގެ ބެލުމުގެ ދަށުގައި ހުޅުމާލޭގައި ބަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު ވަގަށް ނެގި މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ. އެ މައްސަލައިގައި މިހާތަނަށް 10 މީހުން ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރޭގައި ކަސްޓަމްސްއާއި އެމްޕީއެލްގެ މުވައްޒަފުން ވެސް ހިމެނެ އެވެ.
ބަރުދަން ލުއި ކުރަން ސަމާލުވާންވީ ކާ ގަޑިތަކަށް!
ސިނގިރެޓް ވައްކަމާ ގުޅިގެން ބިދޭސީއަކު ހައްޔަރުކޮށްފި
ސިކުނޑީގެ ބަލިތަކަކީ ވާރުތަވާ ބަލިތަކެއް: ދިރާސާ