ފުވައްމުލަކަށް މިހާރު ފެނަކަ ކޯޕަރޭޝަނުން ފޯރުކޮށްދެމުން ގެންދާ ފެނަކީ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ސަޕްލައި ވޯޓާ މިނަގަނޑުތަކަށް ފެތޭ ފެނެއް ކަމަށް އެ އޮތޯރިޓީން ބުނެފި އެވެ.

ފުވައްމުލަކުގެ ފެން ތަޣައްޔަރުވެ އެ ރަށުގައި ދިރިއުޅެމުންދާ 11،000 ހާހެއްހައި ރައްޔިތުންނަށް ވަނީ ސާފު ފެންފޮދެއް ނުލިބި ހާލުގައި ޖެހިފަ އެވެ. ފުވައްމުލަކު ސިޓީ ކައުންސިލުން ބުނާ ގޮތުންނަމަ ނިމިދިޔަ އޮކްޓޫބަރު މަހުގެ މެދެއްހައި ހިސާބުން ފެށިގެން އެ ރަށަށް ފެނުގެ މައްސަލަ ވަނީ ކުރިމަތި ވެފަ އެވެ. އެގޮތުން ރަށުގެ ރައްޔިތުންނަށް ސާފު ފެންފޮދެއް ނުލިބި އެތަކެއް ދުވަހެއް ވަނީ ހޭދަކުރަން ޖެހިފަ އެވެ.

މިކަމުގެ ކަންބޮޑުވުން ރަށުގެ ރައްޔިތުން އެންމެ ބޮޑަށް ފާޅުކުރަމުން ދިޔަ ދަނޑިވަޅުގައި ފެނަކަ ކޯޕްރޭޝަނުން ވަނީ އެ ރަށުގެ ރައްޔިތުންނަށް ސާފު ފެން ދޫކުރިކަމަށް ބުނެ ދޮގު ހަދާފަ އެވެ. އެގޮތުން އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު ވަނީ ސިޔާސީ މަންފާއެއް ހާސިލު ކުރުމަށް އެކަމާ ގުޅުވައިގެން ދޮގު ހައްދަވާފައި ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.

ފެނުގެ މައްސަލައަށް ހައްލެއް ނުލިބި، އެކަމުގެ ކަންބޮޑުވުން އިންތިހާއަށް ގޮސް ފުވައްމުލަކު ސިޓީ ކައުންސިލުން މިހާރު ވަނީ މި މައްސަލައިގައި ފެނަކަ ގޮވައިގެން ކޯޓަށް ދިޔުމަށް ނިންމާފަ އެވެ.

އެކަން ހާމަކޮށް ފުވައްމުލައް ސިޓީ ކައުންސިލުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ ކައުންސިލުން ފެނަކަ ގޮވައިގެން ކޯޓަށް ދަނީ ފެނަކައިން އެ ސިޓީއަށް ދޫކުރާ ފެން ފޯރުކޮށްދިނުމުގައި ކަމާބެހޭ އިދާރާތަކުން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ތަބާވުމަށް އަމުރެއް ނެރެދިނުމަށް އެދި ކަމަށެވެ.

"ފެން އުފައްދާ ގޭގެއަށް ފޯރުކޮށްދިނުމުގައި ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އާއި ކަމާބެހޭ އެހެނިހެން އިދާރާތަކުން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފުރިހަމައަށް ތަބާވުމަށް ފެނަކަ ކޯޕަރޭޝަންގެ މައްޗަށް އަމުކޮށް ދެއްވުން އެދި ކައުންސިލުން މައްސަލަ ޝަރީއަތަށް ހުށަހެޅުމުގެ ކަންތައްތައް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައިވާ ވާހަކަ ވެސް މި ފުރުސަތުގައި ދަންނަވަމެވެ" ކައުންސިލުން ނެރުނު ބަޔާނުގައިވެ އެވެ.

ފުވައްމުލަކު ފެނާއި ގުޅިގެން ޔުޓިލިޓީ ކުންފުނިން ނެރުނު ބަޔާން

މީގެ އިތުރުން ރައްޔިތުންގެ އަސާސީ ބޭނުންތަކަށް އެކަށީގެންވާ ރައްކާތެރި ފެން ނުލިބޭތީ އެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އަށް ހުށަހެޅުމަށް ވެސް ކައުންސިލުން ވަނީ ނިންމާފަ އެވެ.

ރައްޔިތުންގެ ފަރާތުން އެފަދަ ޝަކުވާތައް ލިބެމުންދާތީ ރައްޔިތުން ބުއިމަށް ދޫކުރާ ފެނަކީ ރައްކާތެރި ފެންކަން ޔަގީންކުރުމަށް ހަދަންޖެހޭ ޓެސްޓުތައް މިނިވަން މުސްތަގިއްލު ފަރާތެއް މެދުވެރިކޮށް ކުރިއަށް ގެންދަން ސިޓީ ކައުންސިލުން ވަނީ ނިންމާފަ އެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން ފެނަކަ ގޮވައިގެން ކޯޓަށް ދިއުމަށް ނިންމިތާ 24 ގަޑިއިރު ވެސް ނުވަނީސް ފެނަކަ އިން މިހާރު ފުވައްމުލަކަށް ދޫކުރާ ސަޕްލައި ފެނަކީ މިންގަނޑުތަކަށް ފެތޭ، ރަނގަޅު ފެންކަމަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ނެރުނު ބަޔާނެއްގައި ވަނީ ބުނެފަ އެވެ.