ކޮވިޑް-19އާ ގުޅިގެން ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނަށް ޢަމަލުކުރުމުގައި ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް ދީފައިވާ އިސްތިސްނާގެ މުއްދަތު އިތުރުކޮށްދިނުމަށް ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށައެޅުނު މައްސަލަ ދިރާސާ ކުރުމަށް ނުވަ މެމްބަރުންގެ ވަގުތީ ކޮމިޓީއެއް އެކުލަވާލައިފި އެވެ.

މިގޮތަށް ފާސްވީ އިއްޔެ މިމައްސަލައިގައިގައި ގޮތެއްނުނިމި މައްސަލަ ބޭރުވުމާ ގުޅިގެން މިކަމާގުޅޭގޮތުން ދެން ފެންނަ ގޮތެއް ހޯދުމަށް މަޖިލީހުގެ ރިޔާސަތުން ހުށައެޅުމުން އަލިފުށީ ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު (ބިގޭ) ހުށައެޅުއްވި ޚިޔާލަށް މަޖިލީހުން ތާއީދު ލިބުމުންނެވެ.

މިމައްސަލަ ދިރާސާ ކުރުމަށް ނުވަ މެމްބަރުން ހޮވުމަށް ބިގޭ ހުށައެޅުއްވި ލިސްޓަށް ތާއީދު ކުރެއްވީ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފެވެ. އޭނާ ހުށައެޅުއްވި ލިސްޓުގައި ހިމެނިވަޑައިގަންނަވަނީ މެމްބަރު މުހައްމަދު އަސްލަމް، މެމްބަރު އިލިޔާސް ލަބީބް، މެމްބަރު ޔައުގޫބް އަބްދުﷲ، މެމްބަރު ހުސައިން ޝަހީމް، މެމްބަރު އިބްރާހިމް ނަސީމް، މެމްބަރު އަހުމަދު ސިޔާމް މުހައްމަދު، މެމްބަރު ގާސިމު އިބްރާހިމް، މެމްބަރު މުހައްމަދު ސައީދު އަދި މެމްބަރު މުޙައްމަދު ނާޝިޒުއެވެ. ހަމައެއާއެކު މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ ޢާޒިމްވެސް އިތުރު ލިސްޓެއް ހުށައެޅުއްވިއެވެ. ނަމަވެސް ޢާޒިމް ހުށައެޅުއްވި ލިސްޓުގައި މާލިއްޔަތު ކޮމިޓީގެ މުޤައްރިރު މުޙައްމަދު ނާޝިޒްގެ ބަދަލުގައި ހިމަނާފައިފައިވަނީ އަލިފުށީ ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދުގެ ނަމެވެ.

ވޯޓަށް އެހުމާ ގާތްވެފައިވަނިކޮށް އަލިފުށީ ދާއިރާގެ މެމްބަރު ވަނީ އޭނާ ހުށައެޅުއްވި ލިސްޓް އަނބުރާ ގެންދަވާފަ އެވެ. އެހެންކަމުން ވޯޓަށް އަހާފައިވަނީ މެމްބަރު ޢަލީ އާޒިމް ހުށައެޅުއްވި ކޮމިޓީ ލިސްޓަށެވެ. އެ ހުށަހެޅުން ފާސް ކޮށްފައިވަނީ ޖަލްސާގައި ބައިވެރިވި 51 މެމްބަރުންގެ ވޯޓުންނެވެ.

މިކޮމިޓީގެ މަސައްކަތް މިއަދާ މިރޭ ކުރިއަށް ގެންދަވާ މާދަމާ ރިޕޯޓް ހުށައެޅުއްވުމަށް ރިޔާސަތުން އެދިވަޑައިގެންފައިވެ އެވެ. އަދި ސިޔާސީ ޕާޓީތަކުގެ އިއުތިރާޒެއް ނެތްނަމަ މާދަމާ މަޖިލީހުގެ ޖަލްސާއެއް އެޖެންޑާ ކުރައްވާނެ ކަމަށާއި އިއުތިރާޒު ކުރާނަމަ ޖަލްސާއެއް އެޖެންޑާ ކުރެވޭނީ ހޯމަ ދުވަހަށް ކަމަށްވެސް ރިޔާސަތުން ވިދާޅުވި އެވެ.

އިއްޔެ ބޭއްވި ޖަލްސާގައިވެސް މިފަދަ ކޮމިޓީއެއް ހެދުމަށް ހުށަހެޅުނެވެ. އެހެން ނަމަވެސް އެ ހުށަހެޅުން ފާހެއް ނުވި އެވެ. މަޖިލީހުގެ ވަގުތީ ކޮމިޓީއަކަށް މިމައްސަލަ ގެންދިއުމަށް އިއްޔެ ހުށައެޅުއްވީ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއިކުރައްވައި ރައްޔިތުން މަޖިލީހަށް ފޮނުވި ސިޓީގައި ދައުލަތުގެ ޚަރަދަށް ޒިންމާވާ ގާނޫނުގެ ހ، އަދި ރ، އާއި ބ. ސަސްޕެންޑް ކުރުމަށް ދީފައިވާ މުއްދަތު އިތުރު ކޮށްދޭން އެދިފައިވެ އެވެ. ކޯވިޑް 19އާއި ގުޅިގެން މިދިޔަ އަހަރުގެ އެޕްރީލް އެއްވަނަ ދުވަހުން ފެށިގެން އެއް އަހަރު ދުވަހަށް މި ތިން މާއްދާ ވަނީ ސަސްޕެންޑް ކޮށްފަ އެވެ.

ފިނޭންސް މިނިސްޓަރު ފޮނުއްވި ސިޓީގައި އިތުރަށް ވިދާޅުވެފައިވަނީ ވޭތުވެދިޔަ އެއް އަހަރަކު ތެރޭގައި ދައުލަތުގެ ޚަރަދަށް ޒިންމާވާ ގާނޫނުގެ ތިން މާއްދާ ސަސްޕެންޑު ކުރުމުގެ ސަބަބުން ދައުލަތުގެ ހަރަދުތައް ހަމަޖައްސައި، ޚިދުމަތަށް ބުރޫ އެރިއަނުދީ ހިފެހެއްޓުނު ކަމަށެވެ. މީގެ އިތުރުން އިގްތިސާދީ ފުން ވަޅުގަނޑަކަށް ރާއްޖެ ވެއްޓުނު ވަގުތު ވިޔަފާރިތަކާއި އާއްމު ފަރުދުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށްޓަކައި ކޮވިޑް-19ގެ ސަބަބުން ކުރަން ޖެހުނު ސިއްހީ ހޭދަ އަށް ފަސޭހަ ވެގެން ދިޔަ ކަމަށްވެސް ބުނެފައިވެ އެވެ. ނަމަވެސް މި އިސްތިސްނާ އަށް އެއް އަހަރު ވާން ކައިރިވެފައިވީ ނަމަވެސް، އިގްތިސާދު ފުން ވަޅުގަނޑުން އަރައި ގެނެވިފައިނުވާ ނުވާ ކަމަށް އަމީރު ވިދާޅުވެފައިވެ އެވެ.

އަދިވެސް، ކޯވިޑް-19 ބަލިމަޑުކަމާ ގުޅިގެން ކުރިމަތިވެފައިވާ އިޤްތިސާދީ ތަދުމަޑުކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ އަދި މާލީ ހާލަތަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައި ކަމަށާއި، މިގޮތުން 2020 ވަނަ އަހަރުގެ ހަތަރު ކުއާޓަރުގައި ވެސް ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ވަނީ އޭގެ ކުރީ އަހަރުގެ އެ ކުއާޓަރުތަކާ އަޅާބަލާއިރު ދަށްވެފައި ކަމަށެވެ.

ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ 38 ވަނަ މާއްދާއިން ރައްޔިތުންގެ މަޖިލީހަށް ލިބޭ ބާރުގެ ދަށުން، އެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) އާއި، (ކ) އަދި (ބ) ގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ހަމަތަކަށް ތަބާވުން 26 އޭޕްރީލް 2020 އިން ފެށިގެން 1 އަހަރު ދުވަހަށް އިސްތިސްނާކުރުމުގެ ހުއްދަދީފަ އެވެ. މި މާއްދާތަކަށް އަމަލުކުރުން ފަސްކުރުމުން ވަކި މުއްދަތެއް ނެތް ގޮތަށް މަރުކަޒީ ބޭންކުން ދައުލަތަށް ދަރަންޏަށް ފައިސާ ނެގޭނެ އެވެ. އިގްތިސާދީ ބައެއް މާހިރުން ދެކޭ ގޮތުގައި މިއީ ފައިސާ ޗާޕުކުރުމެވެ. މިކަމުގެ ސަބަބުން އިންފްލޭޝަން މަތިވެ، އިގްތިސާދަށް އޭގެ ނުރަނގަޅު އަސަރު ކުރާނެ އެވެ.