ދުނިޔޭގެ އެކި ގައުމުތަކުން ބައިވެރިވެގެން ބާއްވާ ރީތީގެ ރާނީ ހޮވުމުގެ މުބާރާތް، މިސް ޔުނިވާސްގެ ތާޖު މެކްސިކޯގެ ފާތިމާ ބޮޝް އަށް ލިބިއްޖެ އެވެ.

އިންސާނީ ހައްގުތަކަށް ވަކާލާތުކޮށް ހިލޭސާބަހަށް މަސައްކަތް ކުރާ 25 އަހަރުގެ ފާތިމާގެ ތާޖު އަޅުވާ ދިނީ މިދިޔަ އަހަރުގެ ތާޖު ކާމިޔާބުކުރި ޑެންމާކުގެ ވިކްޓޯރިއާ ކިއާހް އެވެ.

ފާތިމާއާ އެންމެ ގާތުން ވާދަކޮށް މުބާރާތުގެ ރަނަރަޕްގެ މަގާމު ލިބުނީ މިފަހަރު މުބާރާތް ހޮސްޓު ކުރާ ތައިލޭންޑްގެ ކެނޑިޑޭޓަށެވެ. އޭނާ ވަނީ ފޭނުންގެ އެންމެ ބޮޑު ސަޕޯޓު ލިބުނު ފަރާތަށްވެސް ހޮވިފަ އެވެ. މީގެ އިތުރުން މުބާރާތުގެ ގަދަ ފަހެއްގައި ވާދަކުރީ ފިލިޕީންސް، ވެނެޒުއޭލާ އަދި އައިވަރީ ކޯސްޓުގެ ބައިވެރިންނެވެ.

މިއީ މެކްސިކޯއަށް މިސް ޔުނިވާސްގެ ތާޖު ލިބުނު ހަތަރުވަނަ ފަހަރުކަން ފާހަގަކޮށްލެވެ އެވެ.

ފާތިމާއަށް ތާޖު ލިބުނުއިރު، މި އަހަރުގެ މިސް ޔުނިވާސް މުބާރާތުގެ ހަރަކާތެއްގެ ތެރެއިން އެކަން އިންތިޒާމުކުރާ ޑިރެކްޓަރަކު ފާތިމާއަށް ކުޑައިމީސްކޮށް ވާހަކަ ދެއްކުމުން އެކަމާއި ނުރުހުން ފާޅުކޮށް ފާތިމާއާއެކު އިތުރު ބައިވެރިންވެސް ހަފްލާ ދޫކޮށް ގޮސްފައިވެ އެވެ. އެކަމާއި ގުޅިގެން ޑިރެކްޓަރު ވަނީ ފަހުން މާފަށްވެސް އެދިފަ އެވެ.