ދިވެހި ސިފައިންގެ ޚިދުމަތް ކޮންމެ ދުވަހަކު ފެށި ނިމެނީ، ގައުމުގެ ހައްގުގައި ކުރާން އޮތް މަސައްކަތުގައި ދެމިތިބެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރަމުންދާ ސިފައިންގެ 129 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ދިވެހި ސިފައިންނަށް އަރިސްކުރުމަށްޓަކައި ކުރެއްވި ޓްވީޓްގައި އެވެ.

އެ ޓުވީޓްގައި އިތުރަށް ރައީސް ވިދާޅުވީ ދިވެހި ސިފައިންގެ ފަޚުރުވެރި ޚިދުމަތުގެ ކޮންމެ ދުވަހެއް ފެށި ނިމެނީ ގައުމުގެ ހައްގުގައި ކުރަން އޮތް މަސައްކަތުގައި ދެމިތިބެ ކަމަށެވެ. އަދި ސިފައިންގެ 129 ވަނަ އަހަރީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ މިނިސްޓަރު އޮފް ޑިފެންސަށާއި ޗީފް އޮފް ޑިފެންސް ފޯސް އަދި ހުރިހާ ސިފައިންނަށް ދަންނަވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ސިފައިންގެ 129 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބުދަ ދުވަހުގެ ހެނދުނު ކަޅުތުއްކަލާ ކޮށީގައި ވަނީ ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވާފަ އެވެ.

ދިވެހި ސިފައިން އުފެދިފައިވަނީ މީލާދީން 1892 އަހަރުގެ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު އެވެ.