އެމްޑީޕީ ހިންގެވުމުގައި ފައްޔާޒް އިސްމާއީލް ވަރަށް ބުރަކޮށް މަސައްކަތްކުރެއްވިކަން ފާހަގަކުރައްވައި އެކަމަށްޓަކައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އޭނާއަށް ޝުކުރު ދަންނަވައިފި އެވެ.

ފައްޔާޒު އިސްތިއުފާ ދެއްވުމާ އެކު، ސޯލިހު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަންގެ މާގާމުގައި ހުންނަވައިގެން އެ ޕާޓީއަށް އޭނާ ކޮށްދެއްވި ހިދުމަތްތަކަށް ޝުކުރު ދަންނަވާ ކަމަށެވެ.

ސޯލިހު ވިދާޅުވީ ފައްޔާޒުގެ ޗެއާޕާސަންކަމުގެ ދައުރު ވެގެންދިޔައީ ސަރުކާރު ހިންގާ ޕާޓީއެއް ގޮތުގަ އާއި އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ގޮތުގައި އޮވެ މަސައްކަތް ކުރަން ޖެހުނު ދުވަސްވަރަކަށް ކަމަށެވެ. އަދި އެ ހުރިހާ ވަގުތެއްގައި ވެސް އަދި ބައެއް ފަހަރު އުނދަގުލާ އެކު ވެސް ޕާޓީ ހިންގެވުމުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވިކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ފައްޔާޒުގެ މަސައްކަތްތައް ޕާޓީގެ ހުރިހާ މެންބަރުން ވެސް ބަލައިގަންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައިވާގޮތުން އޭނާ އަކީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ ބޭފުޅަކަށް ވާތީ ޕާޓީގެ އިސް ސަފަހުގައި އެފަދަ އިތުރު ބޭފުޅުންތަކެއް ތިއްބެވުމުން ޕާޓީ ހިންގުމުގައި ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ.