ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ހަރުމުދާ ހޯދުމަށް ދިމާވާ މާލީ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ މަގުސަދުގައި، އެސްއެމްއީ ޑިޖިޓަލްއިން އައު ފައިނޭންސިންގ ޕްރޮޑަކްޓެއް ތައާރަފްކޮށް އެޕްލިކޭޝަން ހުށަހެޅުމަށް މިއަދު ހުޅުވާލައިފި އެވެ.
މި ފައިނޭންސިންގެ ދަށުން، ހުރިހާ ދާއިރާއެއް ހިމެނޭހެން މިހާރުވެސް ހިނގަމުންދާ ވިޔަފާރިތަކުގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ބޭނުންވާ މެޝިނަރީ، އިކުއިޕްމަންޓް، ވިޔަފާރިއަށް ބޭނުންވާ އެއްގަމު އުޅަނދާއި ކަނޑު އުޅަނދުފަހަރުގައި އިންޖީނު އެޅުން ފަދަ ބޭނުންތަކަށް ފަސޭހަކަމާއެކު ފައިނޭންސް ލިބޭނެ އެވެ.
މި ފައިނޭންސިންގ ބޭނުންކޮށްގެން ޝަރީޢާ އުސޫލުތަކުގެ ތެރެއިން 100،000 ރުފިޔާއިން ފެށިގެން 5،000،000 ރުފިޔާއާ ހަމައަށް ފައިނޭންސް ފޯރުކޮށްދެވޭނެ އެވެ. އެއްވެސް ރަހުނަކާ ނުލައި 1،000،000 އާއި ހަމައަށް ތަކެތި ގަތުމަށް ފައިނޭންސިންގ ފޯރުކޮށްދޭއިރު، ފެސިލިޓީ އަނބުރާ ދެއްކުމަށް 6 މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމެނޭހެން 7 އަހަރުގެ މުއްދަތެއް ލިބޭނެއެވެ. ރަހުނެއް ހިމެނޭހެން ފެސިލިޓީ ނަގާނަމަ އަނބުރާ ދެއްކުމަށް 10 އަހަރުގެ މުއްދަތެއް ކަނޑައަޅާފައިވާއިރު، މީގެ ތެރޭގައި 12 މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމެނެއެވެ. އަހަރަކަށް ފައިދާ ހިސާބުކުރާނީ %9 އާއި %10.5 އާ ދެމެދުގަ އެވެ. ލުއިފަސޭހަކޮށް ދޫކުރެވޭ މި ފައިނޭންސިންގެ ސަބަބުން ވިޔަފާރިތަކުގެ އޮޕަރޭޝަންތައް ފުޅާކޮށް، ދިވެހި އިގުތިސާދަށް އިތުރުކުރިއެރުން ގެނެސްދިނުމަށް އެހީތެރިވެދޭނެ އެވެ.
މި ފައިނޭންސިންގއާ ގުޅޭ ގޮތުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ޙަސަން ވިދާޅުވީ މި ފައިނޭންސިންގގެ ބޭނުމަކީ ރާއްޖޭގެ އިގުތިސާދަށް އެހީތެރިވެދިނުމާއި ވިޔަފާރިތަކަށް ދިމާވާ މާލީ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުން ކަމަށެވެ.
"ވިޔަފާރިތަކުން ހަރުމުދާ ގަތުމަށް ކުރިމަތިވާ މާލީ ދަތިތަކަކީ، އެފަރާތްތަކުގެ ކުރިއެރުމަށް ހުރަހަކަށް ވެފައިވާ ކަމެއް. މި ފައިނޭންސިންގއާ އެކު، މިހާރު ދިމާވާ ދަތިތަކަށް ފަސޭހަ ހައްލެއް ހޯދައިދެވި، ވިޔަފާރިތަކުގެ އުފެއްދުންތެރިކަން އިތުރުވެ، އައު އިކުއިޕްމަންޓް އަދި މެޝިނަރީގެ އެހީގައި، އާ މާކެޓްތަކަށް ވަނުމުގެ ފުރުސަތު ލިބޭނެ،" ބަދުރުއްދީން ވިދާޅުވި އެވެ.
މި ފައިނޭންސިންގއަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ އެސްއެމްއީ ޑިޖިޓަލްގެ ވެބްސައިޓް ގައި ހިމެނޭ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ހުޅުވާލާފަ އެވެ.
މިގޮތަށް އޮވެ ނިދުމަކީ ބުރަކަށްޓަށް ދެވޭ ގެއްލުމެއް!
އެމްއޭސީއެލްގެ ބޯޑަށް ކުރީގެ މެންބަރު ޖަމީލް އުސްމާން
ގާނޫނީ ކޯޅުމުގެ ތެރެއިން ބްލޭކްއާއި ރަޔާން ޗުއްޓީގައި!
