ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެފައިވާ މެމްބަރަކު ޕާޓީން ވަކިވެއްޖެ ނަމަ މެމްބަރުކަން ގެއްލުމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ނުޖެހޭ ގޮތަށް މުޅި މަޖިލީހުގެ ކޮމެޓީން މިއަދު ފާސްކޮށްފި އެވެ.
މަޖިލީހުގެ މެންބަރަކު ތަމްސީލު ކުރައްވާ ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ އެ ޕާޓީން ވަކިކޮށްފި ނަމަ މަޖިލީހުގެ މެމްބަރުކަން ގެއްލޭ ގޮތަށް މަޖިލީހުން ގާނޫނު އަސާސީ އިސްލާހުކުރީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ.
ނަމަވެސް، ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ޝުޖާއު އިސްލާހު ހުށަހެޅުއްވީ ޕާޓީ ބަދަލު ކުރުމުން ނުވަތަ ވަކިކުރުމުން މެމްބަރުކަން ގެއްލޭނީ އެ ދާއިރާއެއްގެ ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓަކުން ފާސްވެގެން ކަމަށް ކަނޑައެޅުމަށެވެ.
މުޅި މަޖިލީހުގެ ކޮމެޓީން އެ ބިލް ދިރާސާ ކުރުމަށްފަހު ވޯޓަށް އެހިއިރު، ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު ވަނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭ ގޮތަށް އޮތް މާއްދާ އުނިކުރަން ހުށަހަޅުއްވައިފަ އެވެ.
މަމްދޫހުގެ ހުށަހެޅުން ފާސްވީ 50 މެންބަރުންގެ ވޯޓުންނެވެ.
ސިޔާސީ ޕާޓީއަކުން ވަކިކޮށްފިނަމަ މެންބަރުކަން ގެއްލޭގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބާޜުގެ ބޭނުންކޮށްގެން ސަރުކާރުން ވަނީ ހުއްޓުވާފަ އެވެ.
ގޭންގުތައް ތިބިތޯ ޔަގީންކުރަން 576 ތަނެއް ބަލައި ފާސްކޮށްފި
ހައިކޯޓުގެ ފަނޑިޔާރުކަމުން ފައިސަލް އިސްތިއުފާދެއްވައިފި
ގއ. ނިލަންދޫ ކައުންސިލްގެ ކޮރަޕްޝަން މައްސަލައެއް އޭސީސީއަށް
