ރާއްޖެއިން ގަތަރަށް ކަނޑައަޅާ ނޮން-ރެޒިޑެންޓް ސަފީރަކަށް، ސްރީ ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އުމަރު އަބްދުއްރައްޒާގު އައްޔަންކުރެއްވުމުގެ މައްސަލަ ދިރާސާކުރެއްވުމަށް ކޮމިޓީއަށް ފޮނުވައިފި އެވެ.

ގަތަރަށް ނޮން-ރެޒިޑެންޓް ސަފީރެއް އައްޔަންކުރުމަށް ނިންމެވިކަން އިއުލާންކުރެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. ގަތަރަށް ކަނޑައަޅާ ނޮން-ރެޒިޑެންޓް ސަފީރަކަށް އުމަރު އަބްދުއްރައްޒާގު ކަނޑައެޅުއްވުމަށް ރައީސް ސޯލިހު މަޖިލީހަށް ފޮނުވާފައިވާ މައްސަލަ ދިރާސާކުރުމަށް ފޮނުވާފައިވަނީ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށެވެ.

މި ސަރުކާރުން ވަނީ ކުރީ ސަރުކާރުން ގަތަރާއެކު ކަނޑާލާފައިވާ ސިޔާސީ ގުޅުން ގާއިމުކޮށްފަ އެވެ. ގަތަރާ ގުުޅުން ގާއިމު ކުރުމަކީ ރައީސް ސޯލިހުގެ ވައުދެކެވެ.

ރާއްޖެއާއި ގަތަރާއި ދެމެދު ފުރަތަމަ ސިޔާސީ ގުޅުން ގާއިމުކުރީ 1984 ވަނައަހަރުގެ މޭ މަހުގެ 26 ވަނަދުވަހު އެވެ. ގަތަރާއިއެކު އޮތް ގުޅުން ރާއްޖެއިން ކަނޑާލީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2017 ވަނައަހަރުގެ ޖޫންމަހުގެ 5 ވަނަދުވަހުއެވެ. އަލުން އެ ގުޅުން މިސަރުކާރުން ގާއިމްކުރީ މިއަހަރުގެ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހުއެވެ.