ބޭންކް އޮފް މޯލްޑިވްސްއަށް ދިގު މުއްދަތަކަށް ހިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގުވަޒަންކޮށް އެކަން ފާހަގަކުރުމަށް ހާއްސާ ހަފްލާއެއް ބާސެލޯ ނަސަންދުރައުގައި ބާއްވައިފި އެވެ.

މިރަސްމިއްޔާތުގައި ބޭންކަށް 15، 20، 30 އަދި 40 އަހަރު ޚިދުމަތްކުރެއްވި މުވައްޒަފުންނަށް އެވޯޑު ހަވާލުކޮށްދެއްވީ ބީއެމްއެލްގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބްއާއި ބޯޑު މެންބަރުންނެވެ.

މި ހަފްލާގައި 43 މުވައްޒަފުންނަށް އެވޯޑު ދީފައި ވެއެވެ. 40 އަހަރުގެ ދިގު މުއްދަތެއްގައި ބޭންކަށް ޚިދުމަތްކޮށްފައިވާތީ ޗީފް ޕްރޮޕަޓީސް އެންޑް އެޑްމިނިސްޓްރޭޝަން އޮފިސަރ ހަސަން ޝާމަށް ވަނީ ޚާއްސަ އެވޯޑެއް ދީފަ އެވެ. އަދި ބޭންކަށް 25 އަހަރު ޚިދުމަތްކޮށްދީފައިވާތީ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފަށް ވެސް ވަނީ އެވޯޑެއް ދީފަ އެވެ.

އެވޯޑު ލިބުނު މުވައްޒަފުންނާ މުހާތަބުކުރައްވާ ޝަރީފް ވިދާޅުވީ، މުއައްސަސާއެއް ކާމިޔާބުވެފައި ވަރުގަދަވަނީ އެ މުއައްސަސާއެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ ކިބާގައި ހުންނަ ރަނގަޅު ސިފަތަކާއެކު، އެ މުއައްސަސާއަށް ހޭދަކުރެވޭ ވަގުތުތަކާއި، އެ މުވައްޒަފުންގެ ހުނަރާ އަދި ޚާއްސަކޮށް އެ މުއައްސަސާއެއްގެ "މިޝަން" ކާމިޔާބުކުރުމަށްޓަކައި މުވައްޒަފުންގެ ހުންނަ ޕެޝަންގެ ސަބަބުން ކަމަށެވެ.

"މި ބޭންކު މިއަދު ކާމިޔާބުކަމާއި އެކު މިހިސާބަށް ވާސިލުވުމުގެ އަސްލަކީ ތިޔަބޭފުޅުން. އެހެންކަމުން ތިޔަކޮށްދެއްވި އަގުހުރި ޚިދުމަތްތަކަށް ބޭންކުގެ ބޯޑާއި މެނޭޖްމެންޓާއި ހުރިހާ މުވައްޒަފުންގެ ނަމުގައި ވަރަށް ޚާއްސަ ޝުކުރެއް ދަންނަވަން."

99% އަށް ވުރެ ގިނަ ދިވެހި މުވައްޒަފުންނާއެކު ބޭންކް އޮފް މޯލްޑިވްސްއަކީ ރާއްޖޭގެ މާލީ ދާއިރާގެ އެންމެ ގިނަ ވަޒީފާގެ ފުރުސަތުދޭ މުއައްސަސާއެވެ. މުވައްޒަފުންގެ ގާބިލުކަމާއި ހުނަރު ކުރިއެރުވުމަށާއި ވަޒީފާގެ މައިދާނުގައި ކުރިއެރުން ހޯދައި ދިނުމަށް ބޭންކުން އަބަދުވެސް އެކިއެކި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްތައް ހިންގައެވެ. އަދި މުވައްޒަފުންގެ ޚިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ތަފާތު އެކި ހަރަކާތްތައް ބާއްވަ އެވެ.

މުވައްޒަފުންގެ ކުރިއެރުމަށާއި މުވައްޒަފުންނާ ގުޅޭ ގޮތުން ބޭންކުން ކަނޑައަޅާފައިވާ ސިޔާސަތުތަކުގެ ސަބަބުން " އޭޝިއަރސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑް" ޖެހިޖެހިގެން ގިނަ އަހަރުތަކައްގައި ބޭންކަށް ލިބިފައިވެ އެވެ.